ދުނިޔެ

އިންޑިއާގައި ބްރިޖެއް ވެއްޓި 10 މީހުން މަރުވެއްޖެ، ގެއްލުނު މީހުން ހޯދަނީ

އިންޑިއާގައި ބްރިޖެއް ވެއްޓި 10 މީހުން މަރުވެއްޖެ، ގެއްލުނު މީހުން ހޯދަނީ

ގަމްބީރާ ބްރިޖު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2025، 03:03

09 ޖުލައި 2025، 03:03

ގުޖުރާތުގެ ޕާދުރާ ތާލޫކާގައި މަހީސާގަރު ކޯރުގެ މަތިން ގަމްބީރާ ބްރިޖުގެ ބައެއް ވެއްޓުނު ޚާދިސާގައި މަދުވެގެން 10 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. މި ބްރިޖަކީ 40 އަހަރުވެފައިވާ އަނަންދު އާއި ވަޑޯދަރާ  ގުޅުވައިދޭ މުހިންމު ބްރިޖެކެވެ. މި ޚާދިސާ ހިނގާފައިވަނީ މީހުން ގިނަވި ގަޑީގައި، ބްރިޖުގެ ކޮންކްރީޓު ސްލެބަށް ބަރުވުމުގެ ސަބަބުން ބައެއް ވެއްޓުމާ ގުޅިގެންނެވެ.

މި ޚާާދިސާ ހިނގާފައިވަނީ ހެނދުނު 7:30 ހާއިރު، މަގުމަތީގައި މީހުން ގިނަވި ވަގުތުގައެވެ. ހާދިސާ ހިނގި ވަގުތު ދެ ޓްރަކާއި، އެއް އެސް.ޔޫ.ވީ އާއި، އެއް ޕިކަޕާއި، އެއް އޮޓޯ-ރިކްޝާ ފަދަ އުޅަނދުތައް ކޯރަށް ވެއްޓިފައިވެއެވެ. ޚާދިސާ ހިނގުމުގެ ކުރިން ބްރިޖުން ބާރަށް އަޑެއް އިވުނުކަމަށް ޚާދިސާ ދެކުނު މީހުން ވަނީ ބުނެފައެވެ. ސަރުކާރުން މިހާތަނަށް 10 މީހުންގެ ހަށިގަނޑު ހޯދާފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، ފުރާނަ ސަމާލަތްކުރުމަށް  6 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އިތުރު މީހުން ހޯދަމުންދާތީ މަރުގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ޚާދިސާ ހިނގި ސަރަޙައްދަށް ވަޑޯދަރާގެ ފަޔަރ ބްރިގޭޑާއި، ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނާއި، ފުލުހުންނާއި، ޤައުމީ ކާރިސާއިން ރައްކާތެރިކުރުމުގެ ޙިދުމަތުން އަދި މުނިސިޕަލް އޭޖެންސީތަކުގެ ޓީމުތައް ވަނީ އަވަހަށް އެސަރަޚައްދަށް ގޮސްފައެވެ. ކޯރުގެ ތެރެއަށް ވެއްޓިފައިވާ އުޅަނދުތައް ނެގުމަށް ދޯނިފަހަރާއި، ފީނާ މީހުންނާއި، ކްރޭންތައް ވަނީ ބޭނުންކޮށްފައެވެ. ސަލާމަތް ކުރެވުނު މީހުން ވަނީ  ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. މެންދުރުގެ ކުރީކޮޅާ ހަމައަށް ފަސް މީހުން ސަލާމަތްކޮށް، އެމީހުންނަށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގާތްގަނޑަކަށް 900 މީޓަރުގެ ދިގު މި ގަމްބީރާ ބްރިޖު ހަދާފައިވަނީ 1985 ވަނަ އަހަރުގައެވެ. މި ބްރިޖުގައި 23 ތަނބު ހުރެއެވެ. މި ބްރިޖުގެ ހާލަތު ގޯސްވަމުންދާތީ، މަރާމާތު ކުރުމަށް ފަރުވާ ކުޑަކުރެވިފައިވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ވަނީ ކުރިންވެސް އިންޒާރު ދީފައެވެ. ގުޖުރާތުގެ ހޯމް މިނިސްޓަރު ރޫޝިކޭޝް ޕަޓޭލް ވިދާޅުވީ ދޭތެރެދޭތެރެއިން މަރާމާތުގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މި ބްރިޖު ކުއްލިއަކަށް ވެއްޓުމަކީ، މިއީ އޭގެ އޮނިގަނޑުގައި ހުރި ނުރައްކާތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.


މި ޚާދިސާގެ ސަބަބު ހޯދުމަށް ސީނިއަރ އިންޖިނިއަރުންނާއި ބްރިޖް ތަޖުރިބާކާރުން ހިމެނޭ ތަޙުގީގެއް ވަގުތުން ފެށުމަށް ޗީފް މިނިސްޓަރު ބޫޕެންދްރާ ޕަޓޭލް ވަނީ އަންގަވާފައެވެ. މީގެ އިތުރުން، ސަލާމަތީ މަސައްކަތްތަކަށް އަވަސް މެޑިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ޚާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 200,000 ރުޕީސް، އަދި ޒަޚަމްވި ކޮންމެ މީހަކަށް 50,000 ރުޕީސް ބަދަލުގެ ގޮތުގައި ދިނުމަށް ވަނީ އިއުލާންކުރައްވާފައެވެ.

ގަމްބީރާ ބްރިޖު ވެއްޓުނު މި ޚާދިސާއާ ގުޅިގެން ގުޖުރާތުގެ އުމްރާނީ ތަރައްޤީގެ ވަރުގަދަކަމާ މެދު ސުވާލު އުފައްދައެވެ. ޚާއްސަކޮށް 2022 ވަނަ އަހަރު މޮރްބީ ސަސްޕެންޝަން ބްރިޖު ވެއްޓި 140 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާ ހިނގިތާ އަހަރުތަކެއް ފަހުން މި ހާދިސާ ހިނގުމުން މި ކަމަށް އިތުރަށް ބާރުލެވެއެވެ. އިންޑިއާގެ އުމްރާނީ ތަރައްޤީ ބާވެ، އުމުރުން ދުވަސްވަމުންދާ ވަރަކަށް، މިފަދަ ހާދިސާތައް ހުއްޓުވުމަށް އެފަދަ ތަންތަން ފަރުވާތެރިކަމާއެކު ބަލައި، މަރާމާތު ކުރުމަކީ މުހިންމު ކަމެކެވެ.
ހާދިސާއާ ގުޅިގެން ޓެކްނިކަލް ޓީމުތަކުން ތަޙުގީގުގެ ފުރަތަމަ ރިޕޯޓުތައް އަންނަ ދުވަސްތަކުގެ ތެރޭގައި ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މި މުހިންމު މަގުން ދަތުރުކުރާ އުޅަނދުތައް  ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބްރިޖު އަލުން ހެދެންދެން މަގު ވަނީ ބަނދުވެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS