ދުނިޔެ
ދަރިވަރުންގެ މުޒާހަރާގައި މީހުން މަރަން އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެންގެވިކަން ހާމަވެއްޖެ

ޝައިޚް ޙަސީނާ
ބަންގްލަދޭޝްގައި މިދިޔަ އަހަރު ދަރިވަރުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވަން، ބަޑިޖަހައި، މުޒާހަރާގެ ބައިވެރިން މަރަން އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެންގެވިކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ މިދިޔަ މާޗް މަހުގެ ތެރޭގައި ލީކުވި އޯޑިއޯއަކުން ކަމަށް ވެއެވެ. މި އޯޑިއޯގެ ސައްޙަކަން އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ވަނީ ކަށަވަރުކޮށްފައެވެ.
ލީކުވި އޯޑިއޯގައި ޙަސީނާ ކޮންމެވެސް މީހަކަށް ފޯނުން ގުޅުއްވައި، ލައިވް ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަން ސިފައިންނަށް ހުއްދަ ދެއްވިކަމަށް ވިދާޅުވެއެވެ. ބީބީސީން ބުނީ، 2024 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެ ފޯނު ކޯލު ކުރެއްވި ވަގުތު، ޙަސީނާ ހުންނެވީ ރަސްމީ ގެކޮޅުގައިކަން ޔަޤީންކުރެވިފައިވާ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވެސް ވަނީ، އެ އޯޑިއޯގައި އިވެނީ ޙަސީނާގެ އަޑުފުޅުކަން ޔަޤީންކޮށްދީފައެވެ.
މީގެއިތުރުން، 'އިޔަރޝޮޓް' ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ބީބީސީ ނޫހުން ވަނީ އެ އޯޑިއޯގެ ސައްޙަކަން އިތުރަށް ޔަޤީންކޮށްފައެވެ. މިގޮތުން، އެ އޯޑިއޯގައި އޭއައި ބޭނުންކޮށްގެން ޙަސީނާގެ އަޑުފުޅަށް އެއްވެސް އުނި އިތުރެއް ގެނެސްފައިވާކަމުގެ ނިޝާނެއް ނެތް ކަމަށް ވެސް އެ ކުންފުންޏާ ޙަވާލާދީ، ބީބީސީން ބުންޏެވެ.
މި މުޒާހަރާތައް ފެށިގެން އައީ ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ނިކުތުމުންނެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް، ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް ހޫނުވެ، އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދިނުމަށް މަޖުބޫރު ވިއެވެ. އޮގަސްޓު 5 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގެންނެވި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.
ސަލާމަތީ ބާރުތަކާ ދެމެދު ހިނގި މި ކުރިމަތިލުންތަކުގައި، 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ކޯޓުތަކުގައި އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށައިފައެވެ. ޙަސީނާގެ ޣައިރު ހާޒިރުގައި ހިންގަމުންދާ އެ ޝަރީޢަތްތަކުގައި، ހެކީގެ ގޮތުގައި ލީކުވެފައިވާ އޯޑިއޯ ބޭނުންކުރަން ޕްރޮސެކިއުޓަރުން ވަނީ ނިންމައިފައެވެ. ނަމަވެސް، އެ އޯޑިއޯގެ ސައްޙަކަމާއި ޙަސީނާއަށް ކުރާ ތުހުމަތުތައް، އޭނާގެ ޕާޓީ، އަވާމީ ލީގުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.