ސައިންސް / ދުނިޔެ

ތުއްތު ކުދިންނަށް ޚާއްސަ މެލޭރިއާގެ ފުރަތަމަ ބޭހަށް ހުއްދަ ދީފި

ތުއްތު ކުދިންނަށް ޚާއްސަ މެލޭރިއާގެ ފުރަތަމަ ބޭހަށް ހުއްދަ ދީފި

ކޯއާޓެމް ބޭބީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2025، 03:39

09 ޖުލައި 2025، 03:39

މެލޭރިއާއަށް ފަރުވާ ދިނުމަށް ޚާއްސަކޮށް ތުއްތު ކުދިންނާއި  ކުޑަކުދިންނަށް ބޭނުންކުރެވޭނެ ފުރަތަމަ ބޭހަށް ރަސްމީކޮށް ހުއްދަ ލިބިއްޖެއެވެ. މި ބޭސް އަންނަ ހަފްތާތަކުގެ ތެރޭގައި އެފްރިކާގެ ގައުމުތަކުގައި ތައާރަފުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ ކުރިން ތުއްތު ކުދިންނަށް ޚާއްސަކޮށް މެލޭރިއާގެ ބޭހެއް އުފައްދާފައެއް ނުވެއެވެ. ތުއްތު ކުދިންނަށް ފަރުވާ ދެމުން އައީ އުމުރުން ދޮށީ މީހުންނަަށް ޚާއްސަ ބޭސްތަކުން ކަމަށް ވާތީ، އެކުދިންގެ ހަށިގަނޑު ބޭސްތައް ހިންގާ ގޮތް ތަފާތުވުމާއި، ފުރަމޭގެ މަސައްކަތް  ފުރިހަމަ ނުވާތީ ނުރައްކާތައް ކުރިމަތިވެފައިވެއެވެ. މިކަމުގެ ސަބަބުން 'ފަރުވާގެ ދަތިކަމެއް' އުފެދިފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

2023 ވަނަ އަހަރު، އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، މެލޭރިއާ ބައްޔާ ގުޅިގެން ގާތްގަނޑަކަށް 597,000 މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މަރެއްހެން ހިނގާފައިވަނީ އެފްރިކާގައެވެ. އަދި މި މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނައީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނެވެ.

ނޮވާޓިސް ކުންފުނިން އުފައްދާފައިވާ މި އައު ބޭހަށް، ސްވިޓްޒަލެންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފައެވެ. މި ބޭސް، މެލޭރިއާގެ ރޭޓު އެންމެ މަތި ސަރަހައްދުތަކާއި ގައުމުތަކުގައި އަންނަ ހަފްތާތަކުގެ ތެރޭގައި ތައާރަފުކުރެވޭނެ ކަމަށް ބެލެވެއެވެ. ނޮވާޓިސް އިން މި ބޭސް ތައާރަފުކުރަނީ ވިއްކުމުގެ ބަދަލުގައި ހިލޭސާބަހަށް ދޫކުރާގޮތަށެވެ.

ނޮވާޓިސް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ވާސް ނަރާސިމްހާން ވިދާޅުވީ މިއީ ވަރަށް މުހިއްމު ވަގުތެއް ކަމަށެވެ. "ތިން އަހަރަށް ވުރެ ގިނަ ދުވަހު އަޅުގަނޑުމެން މެލޭރިއާ އާ ދެކޮޅަށް މަސައްކަތްކޮށްފައިވާނެ. އެންމެ ބޮޑަށް ބޭނުންވާ ތަންތަނަށް ސައިންޓިފިކް ކުރިއެރުންތައް ގެނެސްދިނުމަށް ނުހުއްޓި މަސައްކަތްކުރަމުން އައިސްފީމު. އަޅުގަނޑުމެންގެ ބައިވެރިންނާ އެކު، ތުއްތު ކުދިންނާއި ކުޑަކުދިންނަށް ހަދާފައިވާ މެލޭރިއާގެ ފުރަތަމަ ކްލިނިކަލީ ސާބިތު ބޭސް ތަރައްޤީކޮށްފައިވުމަކީ ފަޚުރުވެރިކަމެއް. އޭގެ ސަބަބުން އެންމެ ކުޑަ އަދި އެންމެ ނާޒުކު ފަރާތްތަކަށްވެސް އެކަށީގެންވާ ފަރުވާ ލިބިގެންދާނެ،" ވާސް ވިދާޅުވިއެވެ.

ކޯއާޓެމް ބޭބީ ނުވަތަ ރިއާމެޓް ބޭބީގެ ނަމުން ބައެއް ގައުމުތަކުގައި މަޝްހޫރު މި ބޭސް، ނޮވާޓިސްއިން ތަރައްޤީކޮށްފައިވަނީ ސްވިޓްޒަލެންޑްގައި ގާއިމުކޮށްފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ 'މެޑިސިންސް ފޮރ މެލޭރިއާ ވެންޗާ (އެމް.އެމް.ވީ)' އާ ގުޅިގެންނެވެ. އެމް.އެމް.ވީ އަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިނގިރޭސި، ސްވިސް އަދި ޑަޗް ސަރުކާރުންނާއި، ވޯލްޑް ބޭންކާއި ރޮކެފެލާ ފައުންޑޭޝަނުންނެވެ.މި ބޭހުގެ ދިރާސާތަކާއި ތަޖުރިބާތަކުގައި އެފްރިކާގެ އަށް ގައުމުން ބައިވެރިވެފައިވާއިރު، އެ ގައުމުތަކަކީ މި ބޭސް އެންމެ ފުރަތަމަ ލިބިގަންނާނެ ގައުމުތަކުގެ ތެރޭގައި ހިމެނޭނެ  ބެލެވެއެވެ.

އެމް.އެމް.ވީގެ ސީ.އީ.އޯ، މާޓިން ފިޓްޗެޓް ވިދާޅުވީ މިއީ މެލޭރިއާގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތައް ނިމުމަކަށް ގެނައުމަށް އެޅުނު އިތުރު މުހިއްމު ފިޔަވަޅެއް ކަމަށެވެ. "މެލޭރިއާ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެއް، ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި. ނަމަވެސް އެކަށީގެންވާ ވަސީލަތްތަކާއި ސަމާލުކަމާއެކު، މި ބަލި ނައްތާލެވޭނެ. ކޯއާޓެމް ބޭބީ އަށް ހުއްދަ ލިބުމަކީ، ފަރުވާ ނުލިބި ދޫކޮށްލެވިފައިވާ ބަލިމީހުންގެ ބަޔަކަށް ފަރުވާ ދިނުމަށް އަމާޒުކޮށްފައިވާ، އެންމެ އެކަށީގެންވާ މިންވަރުގެ ބޭހެއް ލިބުން، އަދި މެލޭރިއާއާ ދެކޮޅަށް ހުރި ބޭސްތަކުގެ ތެރެއަށް އަގުހުރި އިތުރުވުމެއް،" މާޓިން ވިދާޅުވިއެވެ.

ހާޓްފޯޑްޝަޔާ ޔުނިވަރސިޓީގެ ސުކޫލް އޮފް ހެލްތު، މެޑިސިން އެންޑް ލައިފް ސައިންސަސްގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. މާވެލް ބްރައުން ވިދާޅުވީ، މިއީ ތުއްތު ކުދިންނާއި ކުޑަކުދިންގެ ދިރިއުޅުން ސަލާމަތްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކެންޖެހޭނެ ކަމަށެވެ.

"މެލޭރިއާގެ އިންފެކްޝަންތަކުން މަރުވާ މީހުންގެ އަދަދު، ޚާއްސަކޮށް ސަބް-ސަހާރަން އެފްރިކާގައި ވަރަށް މަތި، މަރުވާ މީހުންގެ %76 އަށްވުރެ ގިނައީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިން. ސިކްލް ސެލް ބަލި ހުރެގެން އުފަންވާ ތުއްތު ކުދިންނަށް މެލޭރިއާ ޖެހިގެން މަރުވުމުގެ ރޭޓު އިތުރުވެފައިވަނީ، އެކުދިންގެ ދިފާޢީ ނިޒާމު ބަލިކަމުން. އާންމު ސިއްހަތުގެ ނަޒަރަކުން ބަލާއިރު، ނޮވާޓިސްއިން މި ބޭސް ފައިދާއަށް ނުހަދައި ތައާރަފުކުރުމަކީ، ސިއްހީ ހިދުމަތްތައް ލިބިގަތުމުގައި ހުރި ގޯސް ތަފާތުތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއް،" ޑރ. މާވެލް ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS