ޚަބަރު
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: އެމްޓީސީސީ
ހުލާސާ
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ފޮއްދޫގައި ތަރައްޤީކުރާ ބަނދަރުގެ މި ބޮޑު މަޝްރޫޢަކީ، ޖުމްލަ 49.77 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 30،648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އައު ހާބަރ ބޭސިން ފުންކުރުމާއި، 3،990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ހަމަ އެހެންމެ، 145 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށިލުމާއި، 125 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ފޮއްދޫއަކީ، 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މިރަށުގައި ދިރިއުޅޭ ގިނަ ރައްޔިތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނައިރު، ރަށުގައި ބަނދަރެއް ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އެ ނޫން މީހުން ވެސް ލަފާފުރުމަށް ބޭނުންކުރަންޖެހެނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. ނަމަވެސް، މިކަމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަ ފަތުރުވެރިން ވެސް ދަނީ މެދުނުކެނޑި ހިއްސާކުރަމުންނެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީން އިތުރަށް ވިދާޅުވީ، ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށި، މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް ތަނަވަސް ބަނދަރެއް ލިބިގެންދާނެކަމަށެވެ. ހަމަ އެހެންމެ، އައު ބަނދަރުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެނޫން މީހުންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ހަމަ އެހެންމެ، އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.