ދުނިޔެ
އީރާނުގެ ޚާރިޖީ ވަޒީރާއި ސަޢޫދީ ވަލީ އަހުދު "ކާމިޔާބު" މަޝްވަރާތަކެއް ކުރައްވައިފި

ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި ސަޢޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޖިއްދާގައި ބައްދަލުކުރެއްވުން
އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައަށް ފަހު، އީރާނުގެ އިސް ވަފުދެއް ސަޢޫދީ އަރަބިއްޔާއަށް ކުރި ފުރަތަމަ ދަތުރުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި ސަޢޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޖިއްދާގައި ބައްދަލުކުރައްވައިފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި ވަލީ އަހުދާއި އެހެނިހެން އިސް ވެރިންނާއެކު ކުރެވުނު މަޝްވަރާތައް ވަނީ "ކާމިޔާބު" ވެފައެވެ. މި ބައްދަލުވުން ބޭއްވުނީ އިސްރާއީލާއި އީރާނާ ދެމެދު 12 ދުވަހުގެ ހަނގުރާމައެއް ހިނގުމަށްފަހުގައެވެ.
ސަޢޫދީ ސަރުކާރުގެ ނޫސް އޭޖެންސީ އެސްޕީއޭ އިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި، ސަރަހައްދީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ހަނގުރާމަ ހުއްޓުމަކަށް އައުމުން، ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް މަގުފަހިވާނެ ކަމަށް ސަޢޫދީ ވަލީ އަހުދު އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަރަޤްޗީ ވަނީ ސަޢޫދީގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން އަދި ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާންއާވެސް ބައްދަލުކުރައްވާފައެވެ. އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ސަޢޫދީން ކުށްވެރިކުރި ކަމަށްޓަކައި އަރަޤްޗީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާގެ މެދުވެރިކަމާއެކު 2023 ވަނަ އަހަރު ސަޢޫދީ އަރަބިއްޔާ އާއި އީރާނުން ވަނީ ދެ ޤައުމުގެ ގުޅުން އާރާސްތުކުރުމަށް އެއްބަސްވެފައެވެ. އޭގެ ފަހުން ދެ ޤައުމުގެ އިސް ވެރިން ޤަވާއިދުން ބައްދަލުކުރަމުން އަންނަ ކަމަށް ބެލެވެއެވެ. އަދި މި ފަހުގެ ހަނގުރާމައިން ދެ ޤައުމުގެ ގުޅުމަށް އެއްވެސް ހުރަހެއް ނޭޅޭކަން މި ބައްދަލުވުމުން ދައްކުވައިދެއެވެ.