ދުނިޔެ

ނާބުލުސްގައި ކުޑަކުއްޖަކު ޝަހީދުކޮށްލައި އިސްރާއީލުން ފަލަސްޠީނުގެ 30 ރައްޔިތުން ހައްޔަރުކޮށްފި

ނާބުލުސްގައި ކުޑަކުއްޖަކު ޝަހީދުކޮށްލައި އިސްރާއީލުން ފަލަސްޠީނުގެ 30 ރައްޔިތުން ހައްޔަރުކޮށްފި

ނާބުލްސްގައި އިސްރާއިލް ސިފައިން ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 05:18

09 ޖުލައި 2025، 05:18

ނާބުލުސްގެ އަސްކަރު ކޭމްޕްގައި އިސްރާއީލު ސިފައިންގެ ވަޒަނެއް އެރި 12 އަހަރުގެ ކުޑަކުއްޖެއް ކަމުގައިވާ އިޔާދު ޝަލަޚްތީ ޝަހީދުވެއްޖެއެވެ.

 ބުދަ ދުވަހު ހިނގި މި ހާދިސާއާއެކު، އިސްރާއީލު ސިފައިން ވެސްޓް ބޭންކުގެ އެކި ސަރަހައްދުތަކުން 30 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފައިވެއެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިޔާދު ޝަލަޚްތީގެ ގަޔަށް ވަޒަން އެރީ ވޭތުވެދިޔަ އާދިއްތަ ދުވަހު، އަސްކަރު ކޭމްޕް ސަރަހައްދުގައެވެ. އޭނާ ޝަހީދުވީ ލިބުނު ޒަޚަމުތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން، އިސްރާއީލު ސިފައިން ރޫޖިބް ސަރަހައްދުގައި ހުރި ދެ ބުރި އިމާރާތެއް ވަނީ ވައްޓާލާފައެވެ. އަދި ނާބުލުސްގެ ދެކުނުގައި އޮންނަ އަޤްރަބާ ސަރަހައްދުގައި ޔަހޫދީން މަގުތައް ބަންދުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އިސްރާއީލު ސިފައިންގެ އަނިޔާވެރި ޢަމަލުތައް އިތުރުވަމުން ދާއިރު، މުސްތަވްތިނުންގެ ހަމަލާތައްވެސް އިތުރުވަމުންދެއެވެ. މިއަހަރުގެ ފުރަތަމަ 6މަހުގެ ތެރޭގައި ޔަހޫދީން 2،153 ހަމަލާ ދީފައިވާކަމަށް ފަލަސްތީނު އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 4ރައްޔިތުން ޝަހީދުވެފައިވެއެވެ.

ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއެކު، ހުޅަނގުއައްސޭރި އަދި އަލްޤުދުސްގައިވެސް އިސްރާއީލުގެ އަނިޔާވެރިކަން އިތުރުވެފައިވެއެވެ. މިހާތަނަށް މި ސަރަހައްދުތަކުގައި 993 ފަލަސްތީނުން ޝަހީދުވެ، 7،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށް ފަލަސްތީނު ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS