ފަރުދުން
ނާޝިދާގެ 'ވޮންޑާ' ފިހާރަ : އުފެއްދުންތެރިކަމާއި ހީވާގިކަމުގެ ނަމޫނާއެއް

މަރިޔަމް ނާޝިދާ "ވޮންޑާ" ފިހާރައިގައި ފޮޓޯ: ފަރުދުން
ހުޅުމާލޭގެ ގިނަ ފިހާރަތަކާއި ހަނި މަގުތަކުގެ ތެރެއިން ރަބަރުގަސްމަގުގެ 7ވަނަ ގޯޅީގައި ހުޅުވާފައިވާ " ވޮންޑާ" ، މިފިހާރަ ސިފަވެގެންދިޔައީ ތުއްތުކުދިންގެ " ފެއަރީ ޓޭލް" އެއްގެ ގޮތުގައެވެ.
ހިތްގައިމު "ޕެސްޓަލް " މަޑު ކުލަތަަކާއި، ކުދި ބާލީސްތަކައި، ޗާލު އެމްބްރޮއިޑަރީ، އަދި ކޮޓަން ފޮތީގެ ތަފާތު ރީތި އުފެއްދުންތައް ފެނިގެންދިޔައެވެ. ބަލާބެލުމަށް ކޮންމެ އުފެއްދުމެއްވެސް ހީވަނީ ރެޑީމޭޑް އުފެއްދުމެއްހެނެެވެ. ކޮންމެ އެއްޗެއްވެސް ތައްޔާރުކޮށްފައިވަނީ އެހާވެސް ފުރިހަމައަށެވެ. މި ހުރިހާ ހިތްގައިމު އުފެއްދުންތެރިމުގެ ފަހަތުގައި ވަނީ، ހީވާގި ކަނބަލެއްކަމުގައިވާ މަރިޔަމް ނާޝިދާއެވެ.
42 އަހަރުގެ މަރިޔަމް ނާޝިދާ ފެށިގެން އައީ ވިޔަފާރިވެރިއެއްގެ ގޮތުގައެއް ނޫނެވެ. އަހަރުތަކެއް ވަންދެން އޭނާ މަސައްކަތް ކުރީ އޮފީހެއްގައި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކާއި ޒިންމާތައް އަދާކުރުމުގައެވެ. ނަމަވެސް ހުސްވަގުތުގައި، އޭނާ އައީ ފެހުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ނާޝިދާ
ފުރަތަަމަ ބެޑިންގ ސެޓް ފަހަން ޚިޔާލެއް ދިނީ ފްރެންޑެއް، އެފްރެންޑުގެ ހިޔާލުގެ ދަށުން ގޭގަ ފުރަތަމަ މިމަސައްކަތް ފެށުނީ
އެންމެ ފުރަތަމަ ނާޝިދާ ދައްތައަަށް ތައްޔާރުކޮށްދިން ބެޑިންގ ސެޓުގެ ފޮޓޯއެއް ފޭސްބުކުގައި ޝެއަރކުރިއެވެ. އަދި ނަތީޖާ ލިބުނީ ވަރަށްވެސް ފޮނިމީރުކަމާއި އެކުއެވެ. މަޑުމަޑުން އެ ޕޯސްޓް މީހުންނަށް ފެނި އާންމުވަމުން ދިޔައީ އެހިސާބުން ފެށިގެންނެވެ.
އަޅުގަނޑު ފުރަތަމަ ބެޑިންގ ސެޓެއް ތައްޔާރުކުރީ އަޅުގަނޑުގެ ދައްތަ ޕްރެގްވެގެން، ދައްތަގެ ދަރިފުޅަށް ބެޑިންގް ސެޓެއް ހަދައިދިނީ އެމްބްރޮއިޑަރީ އާއެކު
ނާޝިދާ
ލޯބިވާ މަންމަ ، ފިރިމީހާގެ އިތުރުން އާއިލާގެ އެއްބާރުލުމާއި އެކު ނާޝިދާ ނިންމީ ކެރިގެން ކުރިއަށް ދާށެވެ. ގޭގައި އިނދެގެން ކުރަމުންދިޔަ ކުޑަ މަސައްކަތް ދުވަސްކޮޅެއްގެ ތެރޭ ބޮޑުވެގެން ދިޔައެވެ. އޯޑަރުތައް އަންނަން ފަށާ، ވިޔަފާރިއަކަށް ބަދަލުވެގެންދިޔައެވެ.
ވަރަށް ބައިވަރު އޯޑަރސް ތައް އަންނަންފެށީމަ ދެން ފިހާރައެއް ހުޅުވާލަން ހިޔާލް ކުރީ ، ފިހާރައިގަ ފެހުމުގެ ބައި ހިންގަމުން ، ފަހާ އެއްޗެހި ޑިސްޕްލޭ ކުރަމުން ، އެގޮތަށް ފިހާރަ ހުޅުވުނީ
ނާޝިދާ
މިއަދު، ނާޝިދާ ފިހާރަ ހިންގަނީ ޒަމާނީ ފަހާތަނަކާއި ، ފުރިހަމަ ޝޯރޫމަކާއި ، އެމްބްރޮއިޑަރީ ސެކްޝަނަކާއެކު ، ރަނގަޅު ފެންވަރުގެ ޒަމާނީ މެޝިންތަކާއި، ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ރޯމެޓީރިއަލް ސްޓޮކަކާއި ، އަދި ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް ހިތްް އުފަލުން ފުރާލާވަރުގެ ޗާލު އަދި ފެންވަރުރަނގަޅު ކުޑަކުދިންގެ އުފެއްދުންތަކުގެ ޑިސްޕްލޭއަކާއެކުގައެވެ.

ނާޝީދާ ތައްޔާރުކޮސްފައިވާ ބޭބީ ބްލެންކެޓްއަކާއި ބޮލުގަ އަޅާ ބޭންޑެއް
ނާޝިދާގެ މައިގަނޑު އަމާޒަކީ ކަސްޓަމައިޒް ކޮށްފައިވާ ކުޑަކުދިންގެ ބެޑިންގ ސެޓާއި އިތުރު އުފެއްދުންތައް ގިނަކުރުމެވެ. ކޮންމެ ސެޓެއްވެސް ކަސްޓަމަރުގެ ތީމް، ކުލައިގެ ޗޮއިސް، އަދި ކުއްޖާގެ ބޭނުންތަކަށް ފެތޭގޮތަށް ތައްޔާރުކުރެވެއެވެ. ނާޝިދާގެ ގިނަ ޑިޒައިންތަކަކީ އޭނާގެ އަމިއްލަ އުފެއްދުންތަކެވެ.އަދި ބައެއް ކަސްޓަމަރުން ވަކި ޚިޔާލުތަކަކާއެކު އަންނައިރު ކަސްޓަމަރުން އެދޭ ގޮތަށް ތަކެތި ފަހާ ތައްޔާރުކުރެވެއެވެ.
ޑިޒައިން ކުރުމުގަ ފޮތި ޗޫސް ކުރުމުގަ ކަސްޓަމަރ އެއް ދޭ ތީމަކަށް ވިސްނާލާފަ އެންމެ ބޮޑަށް ބޭބީ އަކާ ގުޅޭގޮތަށް ފޮތި ޗޫޒް ކުރަނީ ، ކަސްޓަމަރުން ބައެއްފަހަރު ބުނެލާނެ ބޭނުންވަނީ މިކަހަލަ ކުލަތަކެކޭ ބޭނުން ކޮށްލަން ، އަނެއްހެން މާބޮޑަކަށް ޑިސްކްރައިބެއް ނުކޮށްދޭ ، އަޅުގަނޑުގެ އަމިއްލަ ޙިޔާލަށް ފަހާލަނީ ހަމަ
ނާޝިދާ

ނާޝިދާ ގެ އުފެއްދުމެއް
ނާޝިދާގެ އުފެއްދުންތަކުގައި ޑިޒައިންގެ އިތުރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭނުންކުރާ އޯގަނިކް، ތުއްތުކުދިންގެ ހަމުގެ ސިއްޙަތަށް ރައްޓެހި ކޮޓަން މެޓީރިއަލްތަކަށެވެ. ޚާއްޞަކޮށް ރާއްޖޭގައި ހަމުގެ ސެންސިޓިވިޓީ ހުންނަ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާތީ މިއީ މުހިންމު ކަމެކެވެ.
ވަރަށް ބޮޑަށް ބަލަން އޯގަނިކް ފޮތިން ބޭބީސް އާ ހަމައެންމެ ސްކިން ފްރެންޑްލީ އެއްޗެހި ބޭނުންކުރެވޭތޯ ، އެގޮތުން ހަމަ ބޮޑަށް ބަލަނީ ކޮޓަން ފޮތީގަ ބެޑިނގް ސެޓް ފަހާލަދެވޭތޯ
ނާޝިދާ
ކޮންމެ އޯޑަރަކަށްވެސް އޭގެ އަމިއްލަ މުއްދަތެއް ކަނޑައެޅިފައިވެއެވެ. ޑިޒައިންގެ ބާވަތަށް ބަލައިގެންނެވެ. ބައެއް އޯޑަރުތަކަަށް ދެ ހަފްތާ، އަނެއްބައި އޯޑަރުތައް އެއަށްވުރެ ދިގު މުއްދަތެއް ނަގައެވެ. އޯޑާރ ނިންމާ ދުވަސް ގުޅިފައިވަނީ އެއޯޑާރެއްގެ އަދަދާއި ކުރަންޖެހޭ މަސައްކަތަށެވެ.

ތުއްތުކުދިންގެ ބައެއް ހެދުން
މިމަސައްކަތުގައި ނަޝީދާއަށް އެންމެ ބޮޑަށް ހިތްވަރު ލިބެނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ ރިއެކްޝަންތަކުންނެވެ.
ބެޑިންގ ސެޓެއް ފަހާ ނިމުނީމަ އެކަސްޓަމަރއެއް އެބުނާ ކޮމެންޓަކީ އަސްލު ވަރަށް އުފާވާ އެއްޗެއް. ބިޒްނަސް ކުރިއެރުވުމަށް ވަރަށް ދުޢާވެސް ކޮށްދީފަ އެބަހުރި ، ކޮމެންޓެއްގެ ގޮތުގައި
ނާޝިދާ
ނާޝިދާގެ ފިހާރައަށް ޒިޔާރަތްކުރުމުން ފެންނާނީ ހަމައެކަނި ބެޑިންގ ސެޓްތަކުގެ އުފެއްދުންތެރިކަމެއް ނޫނެވެ. ޒަމާނާއި ގުޅޭ ރީތި އެކި ކަހަލަ ތުއްތުކުދިންގެ ސާމާނު "ވޮންޑާ" އިން ފެނެއެވެ. ލޯބިން ފަހާފައިވާ ކުޑަކުދިންގެ ހެދުންތަކާއި، ތުއްތުދަރިފުޅު އުފަންވާ ދުވަހު ލައްވާލެވޭ ކަހަަލަ ހެދުމާއި ، އެމްބްރޮއިޑަރީ ކޮށްފައިވާ އުފެއްދުމާއި، ޑައިޕަރ ބޭގުތަކާއި، ބޭބީ ކެރިއަރުތަކާއި، ބޮލުގައި ޖަހާ ކްލިޕްތަކާއި، ކުޑަކުދިންގެ އަވިއައިނު އަދި ނިއުބޯން ކުދިންގެ ފޮތްތަކާ ހަމައަށް - މިއީ ކުޑަކުދިންގެ ދުނިޔޭގެ ޖާދޫއެއްހެން ފަރުމާކޮށްފައިވާ ކުޑަކުޑަ ޗާލު ދުނިޔެއެކެވެ.

އެމްބްރޮއިޑަރީ ހަދާފައިވާ ބާލީހަކާއި ތުއްތުކުދިންގެ ބައެއް ހެދުން
އެންމެ އުނދަގޫވަނީ ރޯ މެޓީރިއަލްސް ރާއްޖެއިން ނުލިބުން ކޮންމެ ފަަހަރަކު ބޭނުންވާ ޑިޒައިނަކަށް އެއްޗެއް ފަހަންވެސް ރާއްޖެއިން ގަންނަންވެއްޖެއްޔާ ވަރަށް އަގުބޮޑުކޮށް މިލިބެނީ ، ބޭރަށް ގޮސްގެން ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނެސްގެން ބޭނުންކުރަނީ ، ވަރަށް މަދު ފަހަރެއްގަ ދެތިން ފިހާރައަކުން ބޭނުންވާ މެޓީރިއަލްސްވެސް މިހުންނަނީ ، ހުސްވީމަ ދެން ނުލިބޭ އެހާ ފަސޭހައަކުން، މިއީ އެންމެ އުނދަގޫ ވާ ކަމަކީ
ނާޝިދާ
މިފަދަ ބައެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ނާޝިދާ ދަނީ ހިތްވަރާއި އެކު މަސައްކަތުގައި ފޫހިކަމެއްނެތި ފަސްޖެހުމެއްނެތި ކުރިއަށެވެ.
އަޅުގަނޑުގެ ވަރަށް ގިނަ ޕްލޭންތައް އެބަހުރި. އޭގެ ތެރޭގައި ގިނަ އުފެއްދުންތައް އިތުރުކުރުމާ އާ ޑިޒައިންތައް އުފެއްދުން ހިމެނޭ
ނާޝިދާ
ނާޝިދާ ޤަބޫލުކުރާ ގޮތުގައި މިކަހަލަ ކަމެއް ފަށަން ބޭނުންވާ މީހަކު ރަނގަޅު ނިޔަތަކާއެކު ފެށުމުން އެމީހެއްގެ ލަނޑުދަނޑި ޙާސިލުވާނެއެވެ.
މަރިޔަމް ނާޝިދާގެ ވާހަކައަކީ މިއީ ލޯތްބާއި އެކު ކުރާހިތުން ، ޢާއިލާގެ އެހީތެރިކަމާއި، އަދި ކެތްތެރިކަމާއި އެކު ކުޑަކުޑަ ހުނަރެއް ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރެވިދާނެކަމުގެ ނަމޫނާއެކެވެ.
މިއީ މުޖުތަމަޢުގައި އުފެއްދުންތެރިކަން، އަދި ކިތަންމެ ކުޑަކޮށް ފެށުނު ނަމަވެސް ހުވަފެންތަކުގައި ރީތި ކުލައެއް ޖައްސާ ހަޤީގަތަކަށް ބަދަލުވެދާނެކަމުގެ ޤަބޫލުކުރުން އެކުލެވިގެންވާ މަސައްކަތްތެރިކަމެވެ.
ނާޝިދާ
ނިޔަތް ރަނގަޅުވެ، ހިތުގެ އަޑިން މަސައްކަތްކޮށްފިނަމަ - އެކަން ޙާޞިލުކުރެވޭނެ