ޚަބަރު
އިންފްލުއެންޒާ އާއި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބޭސް ފިހާރައެއް ކައިރިން/ފޮޓޯ: އެޓޯލް ޓައިމްސް
ރާއްޖޭގައި އިންފްލުއެންޒާ އާއި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސިީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވިދާޅުވީ، މި ވަގުތު ވެސް މުޅި ރާއްޖޭގައި އިންފްލުއެންޒާގެ ޖުމްލަ 239 ވޭދަނަ އެއް އުޅޭ ކަމަށެވެ. އަދި ނިމިދިޔަ ހަފްތާގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 15އިން ފެށިގެން ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 2،370 ވޭދަނައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި މުޅި ރާއްޖޭން 3،763 ވޭދަނަ ރިޕޯޓް ކޮށްފައިވާއިރު، މި މުއްދަތުގައި އިންފްލުއެންޒާގެ 239 ވޭދަނައެއް ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ތެރެއިން 228 އަކީ މާލޭ ސަރަޙައްދުން ރިޕޯޓްކޮށްފައިވާ ވޭދަނަތަކެވެ.
ބޭރަށް ހިންގާނަމަ ފެންނާނެ ޢަލާމާތްތައް:
- ވަރަށް ގިނައިން ހޮޑުލެވުން
- ހަށިގަނޑުގެ ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުން
- އާދަޔާ ޚިލާފަށް ކަރު ހިއްކުން
- އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން
- ބޮލަށް އެނބުރުން އަރާ ބޮލުގައި ރިއްސުން
- ކުޑަކަމުދެވޭ މިންވަރު މަދުވުން
އެޗްޕީއޭއިން ވަނީ، މިފަދަ ޢަލާމާތެއް ފެނިއްޖެނަމަ ކުރީ ބައިގައި އެކަމަށް ސަމާލުވެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ޤަވާއިދުން ބޭސް ކެއުމާއި، ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ގިނައިން ދިޔާތަކެތި ބުއިމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ އެދިފައެވެ.