Ads by Stelco

ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

ޢަރަބިއްޔާ ސްކޫލްގެ ފައުންޑޭޝަން އެޅުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖުލައި 2025، 07:51

09 ޖުލައި 2025، 07:51

ހުލާސާ


ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް މިއަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިމޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޢަރަބިއްޔާ ސްކޫލްގެ ފައުންޑޭޝަން އަޅުއްވައިދެއްވުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަރަބިއްޔާ ސްކޫލަކީ ވަރަށް ޒަމާނީ ސްކޫލްއަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މާލޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އަންޑަރ ގްރައުންޑް ޕާކިންއާއެކު 200 އަށްވުރެ ގިނަ ސައިކަލާއި ކާރުވެސް އެތަނުގައި ޕާކްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ސްކޫލްގެ ގޯތިތެރޭގެ ޖާގަ ދަރުމަވަންތަ ސްކޫލްގެ ގޯތިތެރެއާ ގާތްގަނޑަކަށް އެއްވަރުވާނެކަމަށް  ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްގެ ޓެރަސްގައި ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި ސިވިލް ސޮސައިޓީތަކަށް އެކަށީގެންވާވަރަށް ޖާގަ އޮންނާނެކަމަށް ވެސް ވިދާޅުވިއެވެ.

10 ފަންގިފިލާއަށް ތަރައްޤީކުރާ މި ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެކަމަށް ތަޢުލީމީ ވުޒާރާއިން  ވަނީ ހާމަކޮށްފައެވެ. 

މި ސްކޫލްގެ މަސައްކަތް މިހާރު ކޮންޓްރެކްޓުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާއެވެ. އެ ކުންފުނިން މި މަސައްކަތާ ހަވާލުވީ ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް މަސައްކަތްކޮށްދިނުމަށެވެ. އެގޮތުން އެ ސްކޫލްގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ.

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތެއް ތަރައްޤީކުރަނީ ކުރިން އެ ސްކޫލްގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އައި އިމާރާތް ވަރަށްބޮޑަށް ރެނދުލާ އެ އިމާރާތުގައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވުމުންނެވެ. އެއަށްފަހު އެ ދަރިވަރުންގެ ކިޔެވުން ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައި އިމާރާތަށް ބަދަލުކުރިއެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަވުމާއި އެހެނިހެން މައްސަލަތަކާއި ހުރެ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS