ޚަބަރު
އޯއައިސީ ބައްދަލުވުމުގައި ޔަހޫދިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފި

ސެނެގާލްގައި ބޭއްވި އޯ.އައި.ސީ. ބައްދަލުވުން، ފޮޓޯ: ފޮރިން މިނިސްޓްރީ
ސެނެގާލްގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ބައްދަލުވުމުގައި ޔަހޫދީ ދައުލަތުން ނިޒާމީ ގޮތެއްގައި ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖޭގެ ފަރާތުން މި ގޮތަށް ގޮވާލެއްވީ، މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ ދެއްވި ތަޤުރީރުގައި، ދިވެހިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއެވެ.
އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ މަޤުސަދަކީ ވެސް ފަލަސްޠީނުގައި ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމެވެ. އެގޮތުން މި ބައްދަލުވުމުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް"އެވެ.
މި ބައްދަލުވުމުގައި ސަރީރު ދެއްވި ތަޤުރީރުގައި، އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެ މަނިކުފާނު ޔަހޫދީ ދަޢުލަތުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރެއްވީ، ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްޤުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.
ސަފީރު ސަރީރުގެ ތަޤުރީރުގައި އިތުރަށް ވިދާޅުވީ، މިހާރުން މިހާރަށް ދާއިމީކޮށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ޙައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައެވެ. މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ވަނީ ގޮވާލައްވާފައެވެ.
ސީ.އައި.އާރް.ޕީ.ޕީ. އުފައްދާފައިވަނީ 1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރަކުންނެވެ. މި ކޮމިޓީގެ މަޤްސަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤާއި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ހައްޤާއި، ޤައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްޤާއި، އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދިނުމަށްޓަކައި ތަންފީޛުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އ.ދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އ.ދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅައެވެ.
ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުޢިއްޔާގެ މެމްބަރު ޤައުމެކެވެ.