ޚަބަރު
ދިވެހިރާއްޖެ އާއި ޑޮމިނިކާއާ ދެމެދު ކުރިން ވިޒާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ޑޮމިނިކާއާ ދެމެދު ވީޒާ ވެއިވަރ އެގްރީމެންޓުގައި ސޮއިކުރުން، ފޮޓޯ: ހާރިޖީ ވުޒާރާ

ފަރުދުން
10 ޖުލައި 2025، 09:16
10 ޖުލައި 2025، 09:16
ދިވެހިރާއްޖެ އާއި ކޮމަންވެލްތު އޮފް ޑޮމެނިކާއާ ދެމެދު ވިޒާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކެރިބިއަން ސަރަހައްދުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ކޮމަންވެލްތް އޮފް ޑޮމިނިކާއާއި ރާއްޖެ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް ފޯ ދެއަރ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަރޓް އެރޮންއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިން ވީޒާ ނެގުމަކާނުލައި ދިވެހީންނަށް ޑޮމިނިކާއަށް ދަތުރުކޮށް، 30 ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ހުރެވޭނެއެވެ. ހަމައެގޮތަށް އެ ޤައުމުގެ ޕާސްޕޯޓުގައި ދަތުރުކުރާ ފަރާތްތަކަށް ވެސް، ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރުމުގެ ޙުއްދަ ލިބޭނެއެވެ.