Ads by Stelco

ޚަބަރު

އައު ޓާރމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކޮށްފި

އައު ޓާރމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކޮށްފި

އައު ޓާރމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކުރުން، ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

10 ޖުލައި 2025، 09:35

10 ޖުލައި 2025، 09:35

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ޗެކިން ސިސްޓަމްތައް ޓެސްޓުކޮށްފިއެވެ. މި ޓްރަޔަލްއަށް ބޭނުންކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކެވެ.

މިއީ މެޝިނަރީސް އަދި މި މަސައްކަތުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ތަމްރީނުކުރުމަށް ކުރިޔަށްގެންދިޔަ މަރުހަލާއެއްކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ބުނީ، އެއީ އައު ޓާރމިނަލް ހުޅުވުމުގެ ކުރިން އެ ތަނުގެ ޚިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެ ތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް، އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއްކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެއެވެ. އޭގެ އިތުރުން، އައު ޓާރމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެއެވެ.

މި ޓްރަޔަލް ހަރަކާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފު މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ވެސް ސީއީއޯ ޝަރީފެވެ.

ސީއީއޯ ޝަރީފުގެ އިތުރުން އެ ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޔަގީންކުރައްވާ! މިއޮތީ މިކަން ފައްޓާފައި. މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް، ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި، ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި.

ސީއީއޯ ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް އެމްއޭސީއެލްއިން ތައްޔާރުވަމުން އަންނައިރު، އައު ޓާރމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. 

އެއަށްފަހު މިއަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދަތުރުކުރާ ބައިނަލްއަޤުވާމީ ގިނަ އެއަރލައިންތަކުގެ ހިދުމަތްތައް އައު ޓާރމިނަލަށް ބަދަލުކުރެވިގެން ދާނެކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS