ޚަބަރު
މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް އެމެރިކާއާއެކު މުހިންމު މަޝްވަރާތަކެއް

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް އެމެރިކާއާއެ މަޝްވަރާކުރުން/ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫހޮން ޔޮން ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ރާއްޖެއާއި އެމެރިކާއާއި ދެމެދު މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، މަސްވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ވަނީ ޤާނޫނާއި ޚިލާފަށް ކުރާ މަސްވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ، ހުއްދަނެތި އަދި އުޞޫލުން ބޭރުން ކުރާ މަސްވެރިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާއި، އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާއި މެދު އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.