ދުނިޔެ
ތެލުގެ ދަތިކަމުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ގަބުރުސްތާނަކަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތް

އަލް ޝިފާ ހޮސްޕިޓަލްގެ މިހާރުގެ ޙާލަތު
ތެލުގެ ދަތިކަމުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ގަބުރުސްތާނަކަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތް
ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ސެންޓަރު ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލަށް ތެލުގެ ސަޕްލައި މެދުކެނޑިފައިވުމުގެ ސަބަބުން، އެތަނުގެ ޑޮކްޓަރުންނާއި ބަލިމީހުން ކަނު އަނދިރިއާއި ފަރުވާނުލިބި މަރުވެގެެން ހިނގައިދާނެ ކަމުގެ ބިރު ޣައްޒާގެ ޑޮކްޓަރުން ފާޅުކޮށްފިއެވެ.
އިސްރާއީލުގެ ހަމަލާތައް ކުރިއަށްދާ ދަނޑިވަޅުގައި މި ކަމުގެ ސަބަބުން ހޮސްޕިޓަލުގެ ހިދުމަތްތައް މުޅިން ހުއްޓިދާނެކަމަށް ޑޮކްޓަރުން ވަނީ އިންޒާރުދީފައެވެ.
ޣައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް-ބުރުޝް ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ނުރައްކާ އަކީ ބޮމެއް ނުވަތަ މިސައިލެއް ނޫނެވެ. ނަމަވެސް ބޭސްފަރުވާ ކުރުމުގެ ހައްގުން މަހުރޫމްކޮށް، ހޮސްޕިޓަލް ހަނު ގަބުރުސްތާނަކަށް ބަދަލުކޮށްލުމަށް ތެޔޮ ވެއްދުން ހުއްޓުވާލައިގެން ދަނީ ހިންގަމުންކަމަށެވެ.
އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވެފައިވަނީ ތެލުގެ ހާލަތުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ. މި ކަމަކީ ހޮސްޕިޓަލުގެ މަސައްކަތަށާއި، ފެން ސާފުކުރާ ޕްލާންޓްތަކަށާއި، ފެން ފޯރުކޮށްދޭ ވިއުގައަށް ސީދާ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ތެޔޮ ފޯރުކޮށްނުދޭ ކަމަށް ތުހުމަތުކުރެއްވިއެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ހާމަކުރި ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގެ ސިއްހީ މަރުކަޒުތަކަށް 600 އަށްވުރެ ގިނަ ހަމަލާ ދީފައިވެއެވެ. ބްލޮކޭޑްގެ ދަށުގައިވާ ސަރަހައްދުގެ ސިއްހީ ދާއިރާ ވަނީ "ފުނޑުފުނޑުވެފައި" ކަމަށް ބުނެފައިވެއެވެ. މިއީ ތެލާއި މެޑިކަލް ސަޕްލައިގެ ދަތިކަމާއި އެކުވެސް އަނިޔާވެގެން ގެންނަ ގިނަ އަދަދެއްގެ މީހުން ތަކުރާރުކޮށް ހޮސްޕިޓަލްތަކަށް ގެންދަންޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތަކެވެ.