ޚަބަރު
ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވެ ސަމާލުވުމަށް އިރުޝާދުދީފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ޕީއެސްއެމް
މި ދުވަސްވަރު ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް ފެތުރެމުންދާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން 15 އިން ޖުލައި 5 އާ ދެމެދު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3،763 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރެއިން 2،370 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓުކުރެވިފައިވާ މައްސަލަތަކެވެ. އަދި އިންފްލުއެންޒާގެ 239 މައްސަލަ މުޅި ރާއްޖެއިން ރިޕޯޓުކުރެވިފައިވާއިރު، މީގެ ތެރެއިން 228 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓުކުރެވިފައިވާ މައްސަލަތަކެވެ.
އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތުތަކުން ދައްކާގޮތުގައި، ފާއިތުވި ތިން ހަފްތާގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. 27 ވަނަ ހަފްތާގައި މުޅި ރާއްޖެއިން 1،547 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، މީގެ ތެރެއިން 1،081 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓުކުރެވިފައިވާ މައްސަލަތަކެވެ.
މި ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަތް ދޮވުމާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން ހިމެނެއެވެ. އަދި ބަލި ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓު ބޭނުންކުރުމަށާއި، ފެނާއި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަދި ބޭރަށް ހިންގުން ޖެހިއްޖެނަމަ، އޭގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން ސްކޫލު ކުދިން ސްކޫލަށް ނުފޮނުވުމަށާއި، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.