ޚަބަރު
ޓޯޗަރ ޤާނޫނު އިސްލާހުކުރުމަށް އެޗްއާރުސީއެމުން ގޮވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ފޮޓޯ:ދިޔަރެސް
ރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމަށް 2014 ވަނަ އަހަރު ޢަމަލުކުރަން ފެށި އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން މިހާތަނަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޖުމުލަ 41 މައްސަލަ ކަމަށާއި، އޭގެ ތެރެއިން ދަޢުވާކޮށްފައިވަނީ އެންމެ 3 މައްސަލައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ. ޓޯޗަރގެ މައްސަލަތައް މަދުން ދަޢުވާކުރެވޭތީ ކަންބޮޑުވުން ފާޅުކުރައްވައި، މިޤާނޫނަށް އިސްލާހު ގެނައުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.
އެޗްއާރުސީއެމުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް 2023 އަދި 2024 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. އެޗްއާރުސީއެމްގެ ނައިބު ރައީސް މުއުމިނާ ވަޙީދު ކޮމިޓީގައި ވިދާޅުވީ، ޓޯޗަރގެ މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރަން ހުށައެޅުމުން ގިނަ މައްސަލަތައް ޕީޖީން ބޭރުކޮށްލާ ކަމަށެވެ.
ނައިބު ރައީސް މުއުމިނާ ވަޙީދު ފާހަގަކުރެއްވި ގޮތުގައި، އެންޓި ޓޯޗަރ ޤާނޫނަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް 41 މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ދަޢުވާކޮށްފައިވަނީ ހަމައެކަނި 3 މައްސަލައަށްކަން އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެދި މިހާރުގެ ޕީޖީ، ހުސައިން ޝަމީމަށް ސިޓީއެއް ފޮނުވާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ޕީޖީއާއެކު ބޭއްވި ބައްދަލުވުންތަކުގައި، ޓޯޗަރގެ މައްސަލަތަކުގައި ދަޢުވާ ނުކުރެވޭ ސަބަބެއްގެ ގޮތުގައި، ޤާނޫނުލްޢުޤޫބާތާއި އެންޓި ޓޯޗަރގެ ޤާނޫނުގައި އަދަބުތައް ތަފާތުވުން ޕީޖީން ފާހަގަކުރައްވާފައިވާ ކަމަށް މުއުމިނާ ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް އިދާރީ ގޮތުން ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމަށްފަހު ދަޢުވާ ނުކުރާ ގޮތަށް ޕީޖީން ނިންމާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންޓި ޓޯޗަރގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ފުރަތަމަ ކަމަކީ ޤާނޫނު އިސްލާހުކުރުން. މިހާރު އަޅުގަނޑުމެން މިދަނީ ޤާނޫނަށް ގެނެވޭނެ އިސްލާހުތަކާ ގުޅޭގޮތުން ބަންޑާރަނައިބު އަޙްމަދު އުޝާމާއެކު މަޝްވަރާކުރަމުން
މުއުމިނާ
އެޗްއާރުސީއެމުން ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅި 2024 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓުގައި ހިމަނާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށައަޅާފައިވާ މައްސަލަތަކާއި ބެލި މައްސަލަތަކުގެ ތަފްސީލެވެ. އެ މުއްދަތުގެ ތެރޭގައި އެޗްއާރުސީއެމުން ވަނީ ޖުމުލަ 126 މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ. އަދި އެ މުއްދަތުގައި 185 މައްސަލައެއް ތަޙުޤީޤުކުރިއިރު، ތަޙުޤީޤުކޮށް ނިމިފައިވަނީ 122 މައްސަލައެވެ.
އެންޓި ޓޯޗަރގެ ޤާނޫނުގެ މަޤުޞަދަކީ ރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމެވެ. މި ޤާނޫނު ވުޖޫދުވި ފަހުން އެއްވެސް އިސްލާހެއް އަދި ގެނެސްފައެއްނުވެއެވެ.