ޚަބަރު
ހުޅުމާލެ ފޭސް 2ގައި މެޑިކަލް ކޭމްޕެއް ބާއްވަން ތައްޔާރުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސުން ތައްޔާރުވެއްޖެއެވެ.
މި ކޭމްޕަކީ ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާ ގުޅިގެން ބާއްވާ ކޭމްޕެކެވެ.
ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ރައީސް ޖިހާދު ޢަބްދުﷲ ވިދާޅުވި ގޮތުގައި، މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވެއެވެ.
އަޅުގަނޑުމެންގެ ކޭމްޕްގައި ބައިވެރިވުމަށް ގިނަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަކުންދަނީ ވާހަކަދައްކަމުން. ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން، އައިޖީއެމްއެޗް، ސެނެހިޔާ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރުވެސްވަނީ ވާހަކަދައްކާފައި،
ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ރައީސް ޖިހާދު ޢަބްދުﷲ
މި މެޑިކަލް ކޭމްޕް އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10:30 އަށް ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން އެ ސަރަހައްދުގެ ރައްޔިތުންނަށް އަމާޒުކޮށް އެކި ބާވަތުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ.
ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މިފަދަ ކޭމްޕްތައް ބޭއްވުމަކީ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ކޭމްޕްތަކުގައި ބްރެޝަރު ބެލުމާއި، ހަކުރު ޓެސްޓު ހެދުމާއި އަދި މިނޫންވެސް ދާއިމީ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަންކަން ދެނެގަނެ، އަވަސް ފަރުވާ ދިނުމުގެ މަގު ފަހިވެގެންދެއެވެ.