ޚަބަރު
ދައުލަތުގެ އާމްދަނީ 8.9 އިންސައްތައިން އިތުރުވުމެއް

މީރާގެ އޮފީސް.
މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 18.6 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.2 ބިލިޔަން ރުފިޔާއެވެ. މިއީ މިހާތަނަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 92.0 އިންސައްތަ އިތުރުވެފައިވެއެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 55.0 އިންސައްތައިން އިތުރުވެފައިވާއިރު، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 21.1 އިންސައްތައިން އިތުރުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 52.5 އިންސައްތައިން އިތުރުވެފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 9.1 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީގެ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް 60.1 އިންސައްތައިން އިތުރުވެ، 1.0 ބިލިއަން ރުފިޔާއަށް އަރާފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރަށް ލަފާކުރި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 46.7 އިންސައްތަ މިހާރު ވަނީ ލިބިފައެވެ.