Ads by Stelco

ޚަބަރު

އެމް.ޕީ.އެލް ސަރަޙައްދުން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެމްޕީއެލްއަށް

އެމް.ޕީ.އެލް ސަރަޙައްދުން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެމްޕީއެލްއަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ފޮޓޯ:އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2025، 04:18

10 ޖުލައި 2025، 04:18

މާލޭގެ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުމުގެ މަސައްކަތް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މިހާރު މާލޭ ނޯތު ހާބަރުގެ ގޮތުގައި މި ސަރަހައްދު ހިންގަން ފަށާފައިވަނީ ޖޫން 4 ވަނަ ދުވަހުން ފެށިގެންނެވެ.

މި ސަރަޙައްދު އެމްޕީއެލްއާއި ހަވާލުކޮށްފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި އެމްޕީއެލްއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ ކުރިން މާލޭގެ ވިޔަފާރި ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. ނަމަވެސް، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހުރި ތަންތަނަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ހިނގަމުން އައި ތަންތަނެވެ. މި ބަދަލާއެކު މިހާރު މި ސަރަހައްދު ބަލަހައްޓާނީ އެމްޕީއެލްއިންނެވެ.

އެމްޕީއެލްއިން ވަނީ، ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ކުރިން މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. އަދި ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހާބަރުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އެ ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަން ފަށާނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

އެމްޕީއެލްއިން ވިދާޅުވީ އެ ހާބަރުން ޚިދުމަތް ދޭނީ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް އެކަނިކަމަށެވެ. އަދި ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށްވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.
މާލޭ ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދު ފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ.

މި ހާބަރުގެ ބެލެހެއްޓުން އެމްޕީއެލްއާއި ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ، މި ސަރަހައްދުން ފަަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމާއި، ބަނދަރުގެ އިންތިޒާމުތައް ހަރުދަނާކުރުމެވެ. އެމްޕީއެލްއިން ދަނީ ނޯތު ހާބަރުން ލިބޭ ޚިދުމަތްތައް އިތުރުކޮށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނާއި ތެޔޮ ލިބޭނެގޮތާއި އަދި އިތުރު ސްޓޯރޭޖް ފެސިލިޓީތައް ނޯތު ހާބަރުގައި ހެދުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS