ދުނިޔެ
އިސްރާއިލްގެ ވައިގެ ބަނދަރަށް އަނެއްކާވެސް ހޫޘީންގެ ހަމަލާއެއް

ހޫޘީން ދިން ހަމަލާއެއް
ޔަމަނުގެ ހޫޘީން އިސްރޭލްގެ ބެން ގުރިއަން އެއަރޕޯޓަށް ހަމަލާދީފިއެވެ.
ބެން ގޫރިއަން ހޫޘީން މިހަމަލާދީފައިމިވަނ ީމިދިޔަ ހަފްތާގައި ރަތު ކަނޑުގައި ދެ އުޅަނދެއް ފައްތާލުމަށްފަހުއެެވެ. ހޫޘިން ބުނަނީ އިސްރާއިލާ ދެކޮޅަށް ހޫޘީން ހަމަލާދެނީ ޣައްޒާގައި އިސްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ.
ހޫޘީންގެ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް، ޔަހްޔާ ސަރީ ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެ ބައިމީހުން ވަރުގަދަ އޮޕަރޭޝަނެއް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ހިންގާފައިވާ ކަމަށެވެ. އިސްރާއިލްގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ މި ހަމަލާ ހުއްޓުވާލެވިފައިވާ ކަމަށެވެ.
ކަނޑުގެ ސަލާމަތީ މަސްދަރުތަކުން ރޮއިޓަރސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހޯމަ ދުވަހު ހޫޘީން ހަމަލާދިން ގްރީކުން އޮޕަރޭޓްކުރާ، ލައިބީރިއާގެ ދިދަ ނަގާފައިވާ "އިޓަރނިޓީ ސީ" އުޅަނދުގެ 6 ފަޅުވެރިން ހޫޘީންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ބެލެވެއެވެ. މި ހަމަލާގައި މަދުވެގެން 4 ފަޅުވެރިން ވަނީ މަރުވެފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކަނޑުގެ ބާރު، އަސްޕިޑެސްއިން ބުނެފައިވާ ގޮތުގައި އިޓަރނިޓީ ސީގައި ޖުމްލަ 25 ފަޅުވެރިން ތިބިއެވެ. އަންގާރަ ދުވަހު އުޅަނދު ފަރުއަޑިއަށް ދިޔުމުން 10 ފަޅުވެރިން ދިޔައީ ކަނޑުން ސަލާމަތްކުރެވިފައެވެ. އަދި 11 ފަޅުވެރިން އަދިވެސް ވަނީ ނުފެނިފައެވެ. އޭގެ ތެރެއިން 6 ފަޅުވެރިން ހޫތީންގެ ބާރުގެ ދަށުގައި ތިބިކަމަށް ބެލެވެއެވެ.
ޔަމަނުގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވަނީ ހޫޘީން މި ފަޅުވެރިން "ވަގަށްނަގާފައި" ވާކަމަށް ބުނެފައެވެ. އެމްބަސީއިން ބުނެފައިވަނީ ހޫޘީން މިކަން ކޮށްފައިވަނީ އެ މީހުންގެ އެކުވެރިން މަރާލުމަށްފަހު، އުޅަނދު ފައްތާލާ، ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސްއެޅުމަށްފަހު ކަމަށެވެ.
ހޫޘީންގެ މި ހަމަލާތަކަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އެ ބައިމީހުން ފަށާފައިވާ ހަމަލާތަކުގެ ތެރެއިން ބައެކެވެ. މިހާތަނަށް 100 އަށްވުރެ ގިނަ އުޅަނދަށް ހަމަލާދީފައިވެއެވެ. ހޫޘީން ބުނެފައިވަނީ އިސްރާއިލާ ގުޅުން ހުރި ކުންފުނިތަކުގެ އުޅަނދުތަކަކީ "ޝަރުއީ ޓާގެޓް" ތަކެއް ކަމަށާއި، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓި، ބްލޮކޭޑް ނިމެންދެން ރަތު ކަނޑާއި އަރަބި ކަނޑުގައި އިސްރާއިލްގެ ދަތުރުފަތުރު ހުއްޓުވާނެ ކަމަށެވެ.