Ads by Stelco

ޚަބަރު

މާލޭގެ ފެންބޮޑުވެފައިވާ 3 ސަރަޙައްދަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

މާލޭގެ ފެންބޮޑުވެފައިވާ 3 ސަރަޙައްދަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

މާލޭގައި ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް

10 ޖުލައި 2025، 07:32

މިއަދު މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ 3 ސަރަޙައްދެއްގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ 3 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މި ސަރަޙައްދުތަކުގެ ތެރޭގައި މާފަންނު ފެރީ ޓާރމިނަލް ސަރަޙައްދާއި ރަސްފަންނު ސަރަޙައްދު ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ސަރަޙައްދުތަކަކީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަޙައްދެވެ.

މީގެ އިތުރުން، މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވުމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ދަނީ ހަރަކާތްތެރިވަމުންކަަމށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ވެސް ނެރިފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS