Ads by Stelco

ޚަބަރު

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް: މެޑަމް ސާޖިދާ

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ/ފޮޓޯ: ރައީސް އޮފީސް

10 ޖުލައި 2025، 08:50

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފޭދޫގައި ޑޮކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ޙާލަތަށް އަލިއަޅުވާލައްވާފައެވެ. މެޑަމް ސާޖިދާ ވިދާޅުވީ، ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ހަމަ އެހެންމެ، ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި، ފޭދޫ ޞިއްޙީ މަރުކަޒަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. ހަމަ އެހެންމެ، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން، ފޭދޫ ޞިއްޙީ މަރުކަޒަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މި ޖަލްސާ ނިންމެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފޭދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއިއެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS