ޚަބަރު
އީޔޫއިންނާއި ޔޫކޭއިން ވެސް މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައެއް ނުވޭ: ވަޒީރު ޝިޔާމް

ވަޒީރު ޝިޔާމް/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޔޫރަޕުންނާއި ޔޫކޭއިން ވެސް މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިިން ވިދާޅުވީ، ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފިކަމަށް ބުނެ "ޗެނަލް13" އިން ލިޔެފައިވާ ޚަބަރަކާއި ގުޅިގެންނެވެ. މި ނޫހުން ވަނީ، އޮޑިޓަކުން ފެއިލްވެގެން ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށްފައިވާކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން، އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، މި އަންނަ ހަފްތާގައިވެސް ޔޫކޭގެ ބޮޑު ވިޔަފާރިވެރިއެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމަށެވެ. ހަމަ އެހެންމެ، މަސްވެރިކަމަކީ އެތައް ޢާއިލާއެއްގެ ދިރިއުޅުން ބަރޯސާ ވެފައިވާ ކަމަކަށް ވީހިނދު، މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ ޢާއިލާތަކަށާއި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް މިފަދަ ހަޤީގަތެއް ނެތް ވާހަކަތައް ދެއްކުން ވަޒީރު ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ރެޖިސްޓަރ ކޮށްގެން ހިންގާ ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފު މިފަދަ މަޢުލޫމާތުތައް ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، މި ސަރުކާރުން އަންނަނީ މި ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.