Ads by Stelco

ޚަބަރު

ހުޅުމާލޭގައި އަލިފާނުގެ ޙާދިސާ ހިނގާފައިވާ ސަރަޙައްދަށް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދިޔުމަށް ފުލުހުން އެދެފި

ހުޅުމާލޭގައި އަލިފާނުގެ ޙާދިސާ ހިނގާފައިވާ ސަރަޙައްދަށް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދިޔުމަށް ފުލުހުން އެދެފި

އަލިފާނުގެ ޙާދިސާ ހިނގާފައިވާ ސަރަޙައްދުގައި ފުލުހެއް ހަރަކާތްތެރިވަނީ/ފޮޓޯ: ފުލުހުން

10 ޖުލައި 2025، 09:04

ހުޅުމާލޭގައި އަލިފާނުގެ ޙާދިސާ ހިނގާފައިވާ ސަރަޙައްދަށް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެފިއެވެ.

ހުޅުމާލެ ފޭސް-1ގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އެންސިސްގެ ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއިން ދަނީ ޙަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އަލިފާނުގެ ޙާދިސާގެ ސަބަބުން އެ ސަރަޙައްދުގައި ދުން ބޯވެ ފެތުރެމުން ދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މިހާދިސާގެ ސަބަބުން ޚާއްޞަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ޞިއްޙީގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަޙައްދަށް ނުދިއުމަށެވެ.

މީގެ އިތުރުން، މި ސަރަޙައްދަށް ވަޑައިގަންނަވާ ބޭފުޅުން މަގު ބޭނުންކުރައްވާއިރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. ހަމަ އެހެންމެ، އެ ސަރަޙައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލެއްޕުމަށާއި، ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ މާސްކު އެޅުއްވުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަޙައްދުގައި މިވަގުތު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން ވެސް ޢަމަލުކުރެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެންޑީއެމްއޭއިން އަންނަނީ އެތަން މޮނިޓަރކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS