ޚަބަރު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ

ޕީޖީ އޮފީހާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަހުމްނާމާއެއްގައި ސޮއިކުރުން/ފޮޓޯ: ޕީޖީ އޮފީސް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ފަންނީ އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ.
ޕީޖީ އޮފީހުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ފަންނީ އެހީތެރިކަން ދިނުމަށް ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަންޖެހޭ ކަމަށެވެ. އަދި މިކަން ކުރުމަށް މިހާރު މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށްކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
އެ އޮފީހުން އިތުރަށް ވިދާޅުވީ، މި މަޢުލޫމާތުތައް މިހާރު ޝާއިޢުކުރަމުން ގެންދަނީ، އެ ވުޒާރާއާ ގުޅިގެން ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުގައި ކަމަށެވެ. ނަމަވެސް، މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އެ ވުޒާރާއިން މި މަޢުލޫމާތު ހޯސްޓުކޮށް އަޕްޑޭޓް ކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން، މި މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ.