Ads by Stelco

ޚަބަރު

އިއްޔެ މެންދުރުން ފެށިގެން ރޭ މެންދަމާ ހަމައަށް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގި

އިއްޔެ މެންދުރުން ފެށިގެން ރޭ މެންދަމާ ހަމައަށް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގި

2021 ވަނަ އަހަރު އަޑިއަށް ދިޔަ ދޯންޏެއް، ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ޖުލައި 2025، 09:45

11 ޖުލައި 2025، 09:45

އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭ 22:30އާ ހަމައަށް ކަނޑުމަތީގެ 7 ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި މީހުން ގެއްލުމުގެ ހާދިސާތަކާއި، އިންޖީނު ހުއްޓުމުގެ ސަބަބުން ކަނޑުވުމާއި، ދިޔަވުމުގެ ހާދިސާ އަދި ފަރަށް އެރުމުގެ ހާދިސާތައް ހިމެނެއެވެ. އަދި މި ހާދިސާތަކުގައި ގެއްލުނު މީހުންގެ ތެރެއިން އެކަކު މިހާތަނަށް ފެނިފައި ނުވާއިރު، މުދާ އަރުވައިގެން މާލެއިން ލ އަތޮޅަށް ދަތުރުކުރި ބޯޓެއް ވެސް އަޑިއަށް ގޮސްފައި ވެއެވެ.

އެމްއެންޑީއެފްއަށް އިއްޔެ ރިޕޯޓު ކުރި ހާދިސާތައް:

  • ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު  ގެއްލުމުގެ ހާދިސާ
  • ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ 35 އަހަރުގެ މީހަކު ގެއްލުނު ހާދިސާ
  • އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ
  • 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާ
  • 4 މީހުންނާއެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާ
  • ހަތް މީހުންނާ އެކު މަހަށް ނިކުތް ތ. ވިލުފުށީ "ވިލުރޯދި" ނަމަކަށްކިޔާ ދޯނި ގެއްލުމުގެ ހާދިސާ
  • 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ކަމުގައިވާ "އޯޝަން އެކްސްޕްރެސް" އަޑިއަށްދިޔަ ހާދިސާ

މީގެ ތެރެއިން ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ. އަދި އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ ގެންގޮސްފައިވާއިރު، ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާއެކު ބ. ދަރަވަންދޫއަށް ވައްދާފައެވެ. މީގެ އިތުރުން ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ. ހިންމަފުއްޓަށް ގެންގޮސްފައެވެ.

ހަމައެއާއެކު ތ. ވިލުފުށީ "ވިލުރޯދި" ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ. ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އަދި މާލެއިން ލ އަތޮޅަށް ދަތުރުކުރި "އޯޝަން އެކްސްޕްރެސް" އަޑިއަށް ދިޔައިރު އޭގައި ތިބި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިނުވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުންދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މިއަދު ހެނދުނު ހާމަކޮށްފައެވެ.



މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެންއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS