Ads by Stelco

ޚަބަރު

އަޑިއަށް ދިޔަ ބޯޓުގެ ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެދެފި

އަޑިއަށް ދިޔަ ބޯޓުގެ ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެދެފި

އޯޝެނިކް އެކްސްޕްރެސް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ޖުލައި 2025، 10:03

11 ޖުލައި 2025، 10:03

މާލެއިން މުދާ އަރުވައިގެން ލ. ހިތަދޫއަށް ދަތުރުކުރަމުން ދިޔަ އޯޝެނިކް އެކްސްޕްރެސްއަށް ބަރުކޮށްފައި ހުރި ސާމާނުތައް އޮޔާދާނެކަމަށް ލަފާކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.

ޙާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.

އިއްޔެ މެންދުރުފަހު 2:30 ހާއިރު މާލެއިން ފުރި މި ބޯޓު އަޑިއަށް ދިޔައީ ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު އަޑިއަށް ދިޔައިރު، ހަތަރު ރަށެއްގެ މުދާ އެ ބޯޓުގައި ހުއްޓެވެ. އަދި އޭރު ބޯޓުގައި 12 މީހުން ވެސް ތިއްބެވެ. އެއީ 4 ބިދޭސީންނާއި 8 ދިވެހިންނެވެ. 

އެ މީހުން ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި ރޭގެ 22:52 ހާއިރު ސަލާމަތްތެރިކަމާއެކު މާލެ ގެންގޮސްފައެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭ 22:30އާ ހަމައަށް ކަނޑުމަތީގެ 7 ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި މީހުން ގެއްލުމުގެ ހާދިސާތަކާއި، އިންޖީނު ހުއްޓުމުގެ ސަބަބުން ކަނޑުވުމާއި، ދިޔަވުމުގެ ހާދިސާ އަދި ފަރަށް އެރުމުގެ ހާދިސާތައް ހިމެނެއެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެންއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS