ޚަބަރު
ރޭ އަލިފާން ނިއްވަން ހަރަކާތްތެރިވި ފުލުހުންތަކަކަށް އަނިޔާވެއްޖެ

އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއިން ހަރަކާތްތެރިވަނީ، ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް-1ގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އެންސިސްގެ ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން އެ އަލިފާންގަނޑު ނިއްވުމަށް ހަރަކާތްތެރިވި ތިން ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮފިސަރުންނަށް ފަރުވާދޭން ޖެހުނީ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް، ދުމުގެ އަސަރުކޮށްގެންނެވެ. ނަމަވެސް އެ އޮފިސަރުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަޙައްދަށް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ވަނީ އެދިފައެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާގެ ސަބަބުން އެ ސަރަޙައްދުގައި ދުން ބޯވެ ފެތުރެމުން ދިއުމާ ގުޅިގެން ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ޞިއްޙީގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތުން އެކަށީގެންވާކަމަށެވެ.
ހަމަ އެހެންމެ، އެ ސަރަޙައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލެއްޕުމަށާއި، ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ މާސްކު އެޅުއްވުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރޭ އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 6:48 ހާއިރެވެ. އެ ވަގުތުން ފެށިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއިން ގުޅިގެން ކުރި މަސައްކަތުން ރޭގެ ވަގުތެއްގައި ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށްފައެވެ.