ޚަބަރު
ސިއްޙީ ނިޒާމެއް ކާމިޔާބުކުރެވޭނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި އަދި އިންސާނިއްޔަތުކަމާއެކު: ފަސްޓު ލޭޑީ

ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025" ގެ އިފުތިތާޙީ ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް
ސިއްޙީ ނިޒާމެއް ކާމިޔާބުކުރެވޭނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި އަދި ޚިދުމަތް ކުރުމަކީ އިންސާނިއްޔަތަށް ކުރާ ކަމެއްކަމުގައި ދެކިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025" ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކޮންފަރަންސުން ހާސިލުކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްޙަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކަށް އެކަށޭނަ ގޮތަކަށް ބައްޓަންކުރެއްވުމަށެވެ.
މީގެ އިތުރުން، ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ޚިދުމަތް ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކުރުން ފަދަ، ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
އެ ކަމަނާ ވިދާޅުވީ، ޞިއްޙީ ކަންކަމުގައި ދިވެހިންގެ ހޭލުންތެރިކަން އިތުރުވަމުން އައި ނަމަވެސް، ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމުގައެވެ. އެހެންކަމުން އެ ދާއިރާ ކުރިއަރުވަން މަސައްކަތްކުރައްވާ، ކާމިޔާބަށް ވާސިލްވުމަށް ހިއްވަރުކުރެއްވުމަށް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.
އަދި ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތައް ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދަތާއި އަނގައިގެ ކަންކަމަށް ފަރުވާ ނުބެހެއްޓުމާ ގުޅިގެން އަނގައިގެ ކެންސަރު އިތުރުވަމުން އަންނަ ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މިކަމުގެ ސަބަބަކީ ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވުންކަމަށް ފާހަގަކުރެއްވިއެވެ.
ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަން ތަކުރާރުކުރައްވަމުން، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ. އަދި މިއަދު ފެށި ކޮންފަރަންސަކީ، ސިއްޙީ ޚިދުމަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ދަތުގެ ފަރުވާ ބަލައިގަންނާނޭ ފަދަ މުސްތަޤުބަލެއް ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާ މަންސައަކަށް ހެއްދެވުމަށް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.
"ހިނިތުން 2025" އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރަންސެވެ.