Ads by Stelco

ޚަބަރު

މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ލިބިފައިވޭ

މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ލިބިފައިވޭ

ޒަކާތް ބަލައިގަތުން. ފޮޓޯ: ޒަކާތުހައުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2025، 06:43

11 ޖުލައި 2025، 06:43

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145 އިންސައްތައިގެ އިތުރުވުމެކެވެ.

މީރާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.3 މިލިޔަން ރުފިޔާއެވެ. އަދި މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 61.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 50.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތައިގެ އިތުރުވުމެކެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ފަރުޟު އަޅުކަމެކެވެ. އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ ހިޖުރީ އަހަރެއް ފުރިހަމަވުމުން މުދަލު ޒަކާތް ނެރުން ވާޖިބުވެއެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކިދާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި އަހަރުގެ އޭޕްރީލް މަހު ވަނީ މުދަލު ޒަކާތުގެ ނިޞާބަތް އެންމެ ފަހުން ބަދަލު ގެނެސްފައެވެ. މިގޮތުން މި ވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,264.15 ރުފިޔާއެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ބަލަނީ ރަންރިހީގެ އަގަށެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށްވެސް ބަދަލު އަންނަމުންދެއެވެ. އަދި އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ، ހިޖުރީ އަހަރެއް ފުރުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS