ޚަބަރު
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ޤައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ: ވަޒީރު ޚަލީލް

ޚާރިޖީ ވަޒީރު ޚަލީލް
މިއަދުގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ޤައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ޚަލީލް މިހެން ވިދާޅުވީ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީ އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ޤައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ ޗައިނާ އާއި އިންޑިޔާ އާއި އެމެރިކާފަދަ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ޢަރަބި ދުނިޔެއާވެސް ގާތް ގުޅުމެއް ޤާއިމުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ގާތް ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ އެކިމައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމުގައި ބޭރުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ގުޅުންތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމަށް ހުރަސްއެޅޭނެ ކަންކަމުން ކޮންމެ ދިވެއްސަކުވެސް ދުރުހެލިވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ފައިދާވާ އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކުރާ ކޮންމެ ޤައުމަކާއެކުވެސް ގުޅުން ބާއްވާނެ ކަމަށެވެ. އަދި ޚާރިޖީ ގޮތުން ރަނގަޅު ސިޔާސަތުތަކެއް ހިފެހެއްޓުމުގައި ރާއްޖެއަކީ ބޭރު ދުނިޔޭގައި މަޝްހޫރު ޤައުމެއްކަންވެސް ފާހަގަކުރެއްވިއެވެ.
"ޔޫ.އެން. ޖެނެރަލް އެސެންބްލީގެ ނައިބު ރައީސްކަމަށް ރާއްޖެ ވަނީ އިންތިޚާބުވެފައި. އަދި 2025-2028 އަށް ގަވަނިން ކައުންސިލް އޮފް ދި އޭޝިއާ އެންޑް ޕެސިފިކް ސެންޓަރ ފޮރ ދި ޑިވަލޮޕްމެންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމެންޓްގެ މެންބަރުކަމަށްވެސް ރާއްޖެ ވަނީ އިންތިޚާބުވެފައި" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން 2026ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު މިނިސްޓްރީއަލް މީޓިން އޮން ސްމޯލް ސްޓޭޓްސްގެ ކޯ-ޗެއަރގެ މަޤާމު ރާއްޖެއިން ފުރުއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް މިފަދަ ކާމިޔާބީތަކެއް ލިބިފައިވަނީ ޤައުމުތަކާއެކު ޤާއިމުވެފައިވާ ބަދަހި ގުޅުމުގެ ސަބަބުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.