ދުނިޔެ
އިސްރާއިލްގެ ޢަސްކަރިއްޔާގެ އުޅަނދުތަކަށް ޙަމާސްއިން ހަމަލާދެމުންދާކަމަށް އިޢުލާނުކޮށްފި

އިސްރާއިލްގެ ޢަސްކަރީ އުޅަނދުތަކަށް ހަަމާސްއިން ހަމަލާދީފައި
ޣައްޒާގެ އެކިސަރަޙައްދުތަކަށް ވަދެފައިވާ އިސްރާއިލްގެ އަސްކަރީ ބާރުތަކާއި އުޅަނދުތަކަށް އަމާޒުކޮށް ހަމާސްގެ ޢަސްކަރީ ވިންގުން އައު ހަމަލާތަކެއް ދީފައިވާކަމަށް އިޢުލާނުކޮށްފިއެވެ.
މި ހަމަލާތައް ދީފައި މި ވަނީ ހަނގުރާމަ ހުއްޓާލުމާއި އަސީރުން ދޫކޮށްލުމުގެ އައު އެއްބަސްވުމަކަށް ވާސިލުވުމުގެ އުއްމީދުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ހަމާސްގެ އަސްކަރީ ވިންގު، އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނެފައިވާ ގޮތުގައި، ޚާން ޔޫނިސްގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ހުރި "އަލް-މަސްލަޚް"ގައި ކުރިން ބެހެއްޓިފައި ހުރި ވަރުގަދަ ބޮމަކުން އިސްރާއީލީ މެރްކަވާ ޓޭންކެއް ފަނާކޮށްލާފައިވެއެވެ.
މީގެ އިތުރުން، ޚާން ޔޫނިސްގެ މެދުތެރޭގައި ހުންނަ ޝައިޚް ނާސިރު ޖަންކްޝަން ކައިރީގައި ދެ މެރްކަވާ ޓޭންކަކަށް "ޔާސީން 105" އަދި "ޓެންޑަމް" މިސައިލްތަކުން ހަމަލާދީފައިވާ ކަމަށްވެސް އެ ބްރިގޭޑްއިން ހާމަކޮށްފައިވެއެވެ.
އިސްލާމިކް ޖިހާދުގެ އަސްކަރީ ވިންގް، ސަރާޔާ އަލް-ޤުދުސްއިން ބުނެފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް-ތުފާހް ސަރަޙައްދުގެ އިރުމަތީގައި ހުންނަ ޖަބަލް އަލް-ސޫރާނީގައި ހުރި އިސްރާއީލީ އަސްކަރީ "ކޮމާންޑް އެންޑް ކޮންޓްރޯލް" މަރުކަޒަކަށް ރޮކެޓް ހަމަލާއެއް ދީފައިވެއެވެ. އަދި އަލް-ތުފާހް ސަރަޙައްދުގައި އިސްރާއީލީ ސިފައިންގެ ސްނައިޕަރަކަށް އަމާޒުކޮށް ބަޑިޖެހި މަންޒަރުވެސް އެ ޖަމާއަތުން ދައްކާފައިވެއެވެ.
މާރިޗު 18 ގައި ހަނގުރާމަ އަލުން ފެށުނު ފަހުން، އިސްރާއީލީ 39 ސިފައިންނާއި އޮފިސަރުން ޣައްޒާގައި މަރުވެފައިވާ ކަމަށް ޔަދީއޯތު އަހަރޯނޯތު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަލް-ޤައްސާމްގެ ސްޕޯކްސްމަން، އަބޫ އުބައިދާ ވަނީ އިސްރާއީލީ ސިފައިންނަށް ޣައްޒާގެ އުތުރުން ފެށިގެން ދެކުނަށް ކޮންމެ ދުވަހަކު ގެއްލުން ލިބޭނެކަމުގެ އިންޒާރުދީފައެވެ. އަދި ކުރިއަށް އޮތް ތާނގައި އިތުރު އިސްރާއީލީ ސިފައިން ހައްޔަރުކުރެވިދާނެ ކަމަށްވެސް އޭނާ އިޝާރާތްކޮށްފައިވެއެވެ.