ޚަބަރު
ގެއްލުނު 79 އަހަރުގެ މީހާ ހޯދުމަށް ކަނޑުގެ މަގުންނާއި ވައިގެ މަގުން ބޮޑު ސަރަޙައްދެއް ބަލައިފި

ޑިންގީ---
ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރުކުރި އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކަނޑުގެ މަގުންނާއި ވައިގެ މަގުން މިހާތަނަށް ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓުގާޑުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް މިހާތަނަށް ވަނީ ބަލާފައެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ.
އަދި މި އޮޕަރޭޝަންގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، ގައްދޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނު 9:30 ހާއިރު ގައްދޫއިން އެކަނި ފުރި މީހާ ފުރާފައިވަނީ އެ އަތޮޅު ގަމަށް ދިއުމަށެވެ. އަދި ގަމަށް ދިއުމަށްފަހު ހެނދުނު 11:15 ހާއިރު އެ ރަށުން ފުރާފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އޭނާ ގެއްލިފައި ވަނީ އޭގެ ފަހުންނެވެ.
ޒަކަރިއްޔާ މުޙައްމަދު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހާމަކޮށްފައެވެ.