ޚަބަރު
ވިލިމާލޭ ހަސްފަތާލުގެ އައު ޢިމާރާތުގެ މަސައްކަތް ފެށުމަށް ވަޤުތީ ޢިމާރާތަކަށް ޚިދުމަތް ބަދަލުކުރަނީ

ވިލިމާލޭގައި ތަރައްޤީކުރާ ހަސްފަތާލުގެ ޑީޓެއިލް ޑިޒައިން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި. (ފޮޓޯ: ޕީއެސްއެމް)

ފަރުދުން
12 ޖުލައި 2025، 11:18
12 ޖުލައި 2025، 11:18
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލެ ހަސްފަތާލުގެ 100 އެނދު ހިމެނޭ އައު ޢިމާރާތެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ އިރު، މިމަސައްކަތް ފެށުމަށްޓަކައި، ކުރީގެ ކުޑަކުދިންގެ ހިޔާ އަށް ވަޤުތީ ގޮތުން އެ ހަސްފަތާލުގެ ޚިދުމަތްތައް ބަދަލުކުރުމަށް ނިންމައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، ވިލިމާލޭ ހަސްފަތާލުގެ ވަޤުތީ ޢިމާރާތުގެ މަސައްކަތް ނިމި، މިއަހަރުގެ ތެރޭގައި ހަސްފަތާލުގެ ޚިދުމަތް އެޢިމާރާތަށް ބަދަލުކުރެވިގެން ދާނޭއެވެ. މިހާރު ހުރި ޢިމާރާތް ތަޅާލައި، އައު ޢިމާރާތް ބިނާ ކުރުމުގެ މަސައްކަތް ފެށިގެން ދާނީ، މިއަހަރުގެ ފަހުކޮޅުގައި ނުވަތަ މިއަންނަ އަހަރު ކުރީކޮޅުގައި ކަމަށް އޭނާ ވަނީ ލަފާކުރައްވާފައެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތަކީ ވިލިމާލޭގައި މިހޮސްޕިޓަލު ހެދުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހުވެސް ވިލިމާލޭގައި ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މިގޮތުން ހޮސްޕިޓަލް ސެޓަޕް ޤާއިމުކުރުމަށް އަޅުގަނޑުމެނަށް ކުރީގެ ކުޑަކުދިންގެ ހިޔާ ހުރި ދެޢިމާރަތުގެ ތެރެއިން އެއް ޢިމާރާތާއި ވަށައިގެންވާ ބިންވަނީ ހަމަޖައްސަވާދެއްވާފައި." ސީއީއޯ ވިދާޅުވިއެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި، މި މަޝްރޫޢުގެ "ފީސިބިލިޓީ"ގެ މަސައްކަތް ނިމި، އެކްސްޗޭންޖް އޮފް ނޯޓްސްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި އައު ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި، މިހާރުގެ ޢިމާރާތް ހުރި ބިމާއި، ވަށައިގެންވާ ސަރަޙައްދުވެސް މި ތަރައްޤީގެ މަޝްރޫޢުގައި ހިމެނިގެން ދާނޭ ކަމަށް ސީއީއޯ ވަނީ ހާމަކުރައްވާފައެވެ.