ޚަބަރު
އެކިފަހަރު މަތިން އަލިފާން ރޯވި ހައުސް ޕްލާޒާ ތަޅާލަނީ

ފޮޓޯ: ސިޓީސް މިނިސްޓްރީ

ފަރުދުން
12 ޖުލައި 2025، 01:41
12 ޖުލައި 2025، 01:41
އެކި ފަހަރު މަތިން އަލިފާނުގެ ހާދިސާތައް ހިނގާފައިވާ މ. ހައުސް ޕްލާޒާ ތަޅާލުމަށް ނިންމާފައިވާކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސިޓީސް މިނިސްޓަރ އެކްސްގައި މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހައުސް ޕްލާޒާ ހިމެނޭހެން މާލޭގެ 3 އިމާރާތެއް ތަޅާލުމަށް މިނިިސްޓްރީން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ހައުސް ޕްލާޒާގެ އިތުރުން އޯކިޑް ޕްލާޒާ އަދި ނިއު ޕްލާޒާ ތަޅާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމުގެ ވީޑިއޯއެއް މިނިސްޓަރ ވަނީ ޓްވީޓްގައި ހިއްސާކުރައްވާފައެވެ.
މިނިސްޓަރގެ ޓްވީޓްގައި ވަނީ މި ތަންތަން ތަޅާލުމަށް މިނިސްޓްރީން ނިންމާފައިވަނީ ޢާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީކަމަށް ވިދާޅުވެފައެވެ. މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މިނިސްޓަރ ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން ފާހަގަކުރެއްވިއެވެ. މ. ހައުސް ޕްލާޒާގައި އެންމެ ފަހުން އަލިފާން ރޯވެފައިވަނީ 9 ފެބްރުވަރީގައެވެ. އެފަހަރު އެތަނުގައި އަލިފާން ރޯވީ ކުނިތަކެއް އެންދުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ. އޭގެ ޖެހިގެން އައި ދުވަހު މ. ނިއު ޕްލާޒާގައިވެސް އަލިފާން ރޯވެފައި ވެއެވެ. ހަމަ އެގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅުގައި އޯކިޑް ޕްލާޒާގައިވެސް ހަމަ އެސަބަބާއި ގުޅިގެން އަލިފާނުގެ ހާދިސާއެއް ހިނގިކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައި ވެއެވެ.
މ. ހައުސް ޕްލާޒާ، އޯކިޑް ޕްލާޒާ އަދި ނިއު ޕްލާޒާއަކީ ކުރީގެ ސަރުކާރު ކުންފުނި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ މެނޭޖްމަންޓް ލިމިޓެޑް، އެމް.އެން.އެސް.އެމް.އެލްގެ ނަމުގައި އޮންނަ އިމާރާތްތަކެކެވެ. އެކުންފުނީގެ މުވައްޒަފުންނަށް ޙާއްސަ އެކަޮމޮޑޭޝަންތައް ހުންނަނީ މި އިމާރާތްތަކުގައެވެ. ނަމަވެސް ވަކި ހިސާބަކުން އެއިމާރާތްތަކުގެ ބޭނުން ކެނޑި އިމާރާތް ވީރާނާވެ، ފަޅު ގޯތިތަކަށް ބަދަލުވެފައި ވެއެވެ.