ޚަބަރު
މިއަދު ހަވީރު ހެލްތު ސްކްރީނިން ސެޝަނެއް ބާއްވަނީ

ހެލްތް ސްކްރީނިން ސެޝަނެއްގެ ތެރެއިން---ފޮޓޯ: ޔޫތް މިނިސްޓްރީ

ފަރުދުން
13 ޖުލައި 2025، 10:01
13 ޖުލައި 2025، 10:01
ޔޫތު ވެލްނެސް ލައުންޖުން ސޯޝަލް ސެންޓަރުގައި ޚާއްސަ ޞިއްޙީ ސްކްރީނިން ސެޝަނެއް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ސެޝަން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އިން 18:00އަށް ރަސްފަންނުގައި ކަމަށެވެ.
މި ސްކްރީނިންގައި ބީ.އެމް.އައި, ހަކުރުގެ މިންވަރު، ލޭގެ ޕްރެޝަރުގެ އިތުރުންވެސް އެހެނިހެން ޞިއްޙީ މުހިންމު މިންގަނޑުތައް ބެލޭނެއެވެ.
"ޔޫތު ވެލްނެސް ލައުންޖް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ޔޫތް މިނިސްޓްެރީން ފެށި ޙިދުމަތެކެވެ.
މި ޙިދުމަތް ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބިގެންދާނެއެވެ.
މި ޙިދުމަތުގެ ދަށުން ވަކިވަކި ފަރުދުންނަށް ޞިއްޙީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ޞިއްޙަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނެއެވެ.
ޙިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ޙިދުމަތް ދޭ ގަޑިތަކުގައި ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ޙިދުމަތް ލިބިގަނެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.
ޔޫތު ވެލްނެސް ލައުންޖަކީ ޒުވާނުންގެ ހެލްތު ކެފޭގެ އާ ބްރޭންޑިންއެކެވެ. މިހާރު މިތަނުން އިތުރަށް ޒަމާނީ އަދި ކުރިއަށްވުރެ ރަނގަޅު ޙިދުމަތްތަކެއް ފޯރުކޮށްދެމުންދާނެ ކަމަށް ޔޫތު މިނިސްޓްެރީން ބުނެފައި ވެެއެވެ.