ޚަބަރު
ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރާ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

"މަންސާ" ޕްރޮގްރާމް

ފަރުދުން
13 ޖުލައި 2025، 10:09
13 ޖުލައި 2025، 10:09
ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް އަމާޒުކުރާ "މަންސާ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އިންތިޒާމްކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ ޖުލައި މަހުގެ 23 ވަނަ ދުވަހު، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލައި ކުރުމަށް މިނިސްޓްރީން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް ހިލޭ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކަމަށް ޚާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.