ޚަބަރު
ސަލްމާން މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފި

އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ކުތުބުޚާނާއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އެ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ މި ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރައްވަމުން ގެންދަވާ ކަމެއްކަމަށެވެ. ހަމަ އެހެންމެ ވަޒީރު ވަނީ، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވވާފައެވެ. ހަމައެއާއެކު، ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު އެދިލެއްވިއެވެ.
އިސްލާމީ ކުތުބުޚާނާއަކީ، ސަލްމާން ރަސްގެފާނު މިސްކިތުގެ 3 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ ތަނެކެވެ. މި ކުތުބުޚާނާ ހުޅުވާލާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު އެތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ފަހުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތު ވެސް ބެހެއްޓިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.