ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާއެކު މާލެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މާލެ، އަޙްމަދު ނަޘްމީން (28އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި މިމީހާއާއި ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމެވެ. މީގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ނަޘްމީން (28އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.