ޚަބަރު
އިސްލާމީ ކުތުބުޚާނާތައް ބިނާކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްދޭނެކަމެއް

ވަޒީރު އާދަމް ނަސީރު/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކުތުބުޚާނާތައް ބިނާކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްދޭނެ ކަމެއްކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސަލްމާން ރަސްގެފާނު މިސްކިތުގައި އަަލަށް ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްތަކަކީ ދިވެހިންގެ ސަޤާފަތު އާ ޙަޟާރަތަކަށް ހޭލާ ހޭލުމެއްކަމަށެވެ. ހަމަ އެހެންމެ، މިކަމަކީ ދިވެހިންގެ ދިރިއުޅުން އާ ސަޤާފަތަކަށް އެނބުރިގެންދާނެ މުހިންމު ކަމެއްކަން ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ޤައުމަށް މާނަވީ ބިނާކުރުމާއި މާއްދީ ބިނާ ކުރުން ގެނައުންކަމަށެވެ. އެހެންކަމުން، އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަކީ މިކަމުގައި އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ކުރާ ކޮންމެ ކަމެއްވެސް އިސްލާމީ ބިނާގެ މަތީގައި ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވަނީ، ފޮތް ކިޔުމުގެ މުހިއްމުކަމާއި އިސްލާމީ ތާރީޚާއި ފޮތްތަކާއި އަދި އިސްލާމީ ކުތުބުޚާނާތަކާއި ގުޅޭ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރޭ ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާއަކީ 15،000 އަށްވުރެ ގިނަ ފޮތާއެކު ހުޅުވިގެންދިޔަ ކުތުބުޚާނާއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ހުޅުވިގެންދިޔަ ކުތުބުޚާނާއެކެވެ.