ޚަބަރު
އައު ފަތުވާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޚާއްސަ ބައްދަލުވުމެއް

މާލެ ސިޓީ ކައުންސިލް މޭޔަރ ޢަލީ އާޒިމް

ފަރުދުން
13 ޖުލައި 2025، 03:00
13 ޖުލައި 2025، 03:00
ގަރުސްތާނުގައި ޕާކް ފަދަ ތަންތަން ހެދުން ހުއްދަނޫން ކަމަށް ބުނެ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މީގެ ދެ ދުވަސް ކުރިން ނެރުނު ފަތުވާއާއި ގުޅިގެން ޢަމަލުކުރާނެ ގޮތާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ޚާއްސަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ފަރުދުން" އަށް މަޢުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރ ބުނީ ބުދަ ދުވަހުގައި މާލެ ސިޓީ ކައުންސިލުން އިންޓާނަލް މީޓިންގއެއް ބާއްވާނެ ކަމަށެވެ.
ފަތުވާ ނެރުނީމަ ދެން މައިޒާންތައް ހެދުން ކުރިއަށްގެންދާނެ ގޮތަކާއި ދޭތެރޭ (ކައުންސިލް ބައްދަލުވުމުގައި) މަޝްވަރާކުރާނެ
މާލެ ސިޓީ ކައުންސިލުން މިގޮތަށް މަޢުލޫމާތު ދީފައިވަނީ އެކައުންސިލުން މާލޭގެ މާފަންނު ސަހަރާ ސާފުކޮށް، އެތަނުގައި މައިޒާން އަޅަން ނިންމާފައިވަނިކޮށް ފަތުވާ ކައުންސިލުން އެކަމާއި ގުޅުންހުރި އައު ފަތުވާއެއް ނެރެފައިވަނިކޮށެވެ. ގަބުރުސްތާނުގައި ޕާކް ފަދަ ތަންތަން ހެދުން ހުއްދައެއް ނޫން ކަމަށް ކަނޑައަޅާ، ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފައި ވެއެވެ. ފަތުވާ މަޖިލީހުން އެ މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް މިގޮތަށް ފަތުވާއެއް ނެރެފައިވާއިރު 2017 ވަނަ އަހަރުވެސް އެ މަޖިލީހުން ވަނީ "ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރަސްތާނުތަކުގެ ބިން، ޢާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުންކުރުން" ނަމުގައި ފަތުވާއެއް ނެރެފައެވެ. އެ ފަތުވާގައި ވަނީ ޢާންމު މަސްލަހަތަށް ބޭނުންވާ ބޭނުންތަކަށް ގަބުރުސްތާނު ހުންނަ ބިމެއް، މަދަރުސާ، ހޮސްޕިޓަލް، މަގު ނުވަތަ ފާލަމަކަށް ބަދަލުކުރެވިދާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެކައުންސިލުން ދީނާއި ފުށުއަަރާ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ކުޅިވަރު ކުޅޭ މައިދާނެއް މާފަންނު ސަހަރާ ހުންނަ ބިމުގައި ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުންވެސް އާޒިމް ވިދާޅުވިގޮތުގައި މާފަންނު ސަހަރާ އުވައިލުމުގެ ލަފަޔަކަށް ކުރީގެ މޭޔަރ ކަމުގައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ފަތުވާ ކޮމިޓީގައި އެދިވަޑައިގެންނެވި ކަމަށެވެ. މާފަންނު ސަހަރާ ސާފުކުރުމުގެ މަސައްކަތް އޭނާގެ މޭޔަރުކަމުގައި ކުރައްވާފައިވަނީ ފަތުވާ ކައުންސިލާއި އެހެނިހެން ކަމާއި ގުޅުންހުރި ފަރާތްތަކުގެ ލަފާގެ މަތިންކަމަށް ވެސް އާޒިމް ހާމަކުރެއްވިއެވެ. މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ސާފުކޮށް، އެތަނުގައި "މާފަންނު މައިޒާން" ނަމުގައި ޕާކެއް ހަދަން ރާވާފައި ވެއެވެ. އެތަނަކީ ބައެއް ޢާންމުންނަށް ކަސްރަތު ކުރަން ބޭނުންކުރެވޭނެ ތަނަކަށް ހަދަން ކައުންސިލުން އޭރު ނިންމާފައި ވެއެވެ.
މީގެ ދެ ދުވަސް ކުރިން ފަތުވާ ކޮމިޓީން ނެރުނު ފަތުވާ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ޖޫން 24 ގައެވެ. ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކަށް ރިއާޔަތްކޮށް ނެރުނު އެ ފަތުވާގައި ވަނީ އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށް ބުނެފައެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސޢވ)ގެ ހަދީޘްތަކުން އެނގޭ ކަމަށް ބުނެފައި ވެެއެވެ. ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީޘތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުނެފައި ވެއެވެ.
މާފަންނު ސަހަރާގެ ބައެއް ސާފުކޮށް ޕާކިން ޒޯނެއްގެ ގޮތުގައި މީގެ ކުރިން ތަރައްޤީކޮށްފައި ވެެއެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު އެވެ. މިހާރުގެ ސިޓީ ކައުންސިލުން ދަނީ މާފަންނު ސަހަރާގެ އިތުރުން ގަލޮޅު ސަހަރާ ސާފުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ގަލޮޅު ސަހަރާގައި ޕާކިން ޒޯނެއް ތަރައްޤީކުރަން ކައުންސިލުން ނިންމާފައި ވެއެވެ.