Ads by Stelco

ޚަބަރު

ގެއްލިގެން ހޯދަމުން އައި ޒަކަރިއްޔާގެ ހަށިގަނޑު 3 ދުވަސް ފަހުން ފެނިއްޖެ

ގެއްލިގެން ހޯދަމުން އައި ޒަކަރިއްޔާގެ ހަށިގަނޑު 3 ދުވަސް ފަހުން ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޒަކަރިއްޔާ މުޙައްމަދު

13 ޖުލައި 2025، 12:48

ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު 3 ދުވަސް ފަހުން ފެނިއްޖެއެވެ.

ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ ގދ. ގައްދޫ ކައިރީ އޮންނަ ގަމުގެ ހޭޅިފަށުގެ މޫދުކައިރިއަށް ލައްގާފައި އޮއްވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ޢާންމުންގެ ދެ މީހަކަށެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާއިރު ޒަކަރިއްޔާގެ ހަށިގަނޑު ޞިިއްޙީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ގދ. ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކަނޑުގެ މަގުންނާއި ވައިގެ މަގުން ބޮޑު ސަރަޙައްދެއް ވަނީ ބަލައިފައެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން، އޭނާ ދަތުރުކުރި ޑިންގީ ގައްދޫއާއި ގަމާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިން ވަނީ ހޯދާފައެވެ. 

މި އޮޕަރޭޝަންގައި ހަރަކާތްތެރި ވެފައިވަނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ. ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަނުގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، ގައްދޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޒަކަރިއްޔާ މުޙައްމަދު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ފުލުހުން މަޢުލޫމާތުދޭ ގޮތުގައި އޭނާ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރު ގައްދޫއިން ފުރާފައިވަނީ އެ އަތޮޅު ގަމަށް ދިއުމަށެވެ.  އަދި ގަމަށް ދިއުމަށްފަހު ހެނދުނު 11:15 ހާއިރު އެ ރަށުން އޭނާ ވަނީ ފުރާފައެވެ. ޒަކަރިއްޔާ ގެއްލިފައި ވަނީ އޭގެ ފަހުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS