ޚަބަރު
ހުޅުމާލޭގެ އަލިފާނުގެ ޙާދިސާ: 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ

އަލިފާން ރޯވި ތަން/ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ، ހުޅުމާލޭގެ ފޭސް 1 ގެ 94 ވަނަ ފުލެޓްގެ 2ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެކި ގޮތްގޮތުން އަސަރުކޮށްގެންނާއި، އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން 04 އެޕާޓްމަންޓެއްގެ ޖުމްލަ 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިއެ އޮތޯރިޓީން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވެފައިވާ އެޕާޓްމަންޓަކީ، 11 ބިދޭސީން ދިރިއުޅެމުން އައި ތަނެކެވެ. އަދި މިތަނަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ވަނީ އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. މި އެޕާޓްމެންޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މި އެޕާޓްމަންޓުގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަދާފައެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.