ޚަބަރު
ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ޢާންމުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފި

ސްކޭމްގެ މައްސަލަތަކުގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ޢާންމުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) އެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަހުގެ މަަތިން މީސް މީޑިއާގެ އެކި މަންސަތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން ރުފިޔާ ހޯދާފައިވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން، އޭނާގެ އެކައުންޓަށް 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ޖަމާކޮށް އެ ފައިސާ ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި މީހާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 އަކުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި މީހާއަކީ މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ވައްކަމުގެ ކުށުގެ ރެކޯޑެއް ވެސް އޮންނަ މީހެއްކަމަށް ފުލުހުން ވަނި ވިދާޅުވެފައެވެ.
މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.