ޚަބަރު
ވަޤުފް ފަންޑުގެ އެހީތެރިކަމާއެކު ބ. ތުޅާދޫގައި ޤުރުއާން މުބާރާތެއް ބާއްވައިފި

ވަޤުފް ފަންޑުގެ އެހީތެރިކަމާއެކު ބ. ތުޅާދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ބ.ތުޅާދޫ ކައުންސިލުން އިސްނަގައިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑާއި ގުޅިގެން ބާއްވާ 19 ވަނަ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، މިހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގައި ޖުމްލަ 202 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 116 އަންހެން ދަރިވަރުންނާއި 86 ފިރިހެން ދަރިވަރުން ހިމެނޭކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 142 ދަރިވަރުން ބައިވެރިވެފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފިން 60 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މުބާރާތުގައި ތުޅާދޫ ސްކޫލުން ޖުމްލސ 25 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެރަށުގައި ހުންނަ ރައުޟަތުލް އަޠްފާލް ޤުރުއާން ކްލާހުން 25 ދަރިވަރުންނާއި، މަޢުހަދު ނޫރުލް ޤުރުއާން ކްލާހުން 25 ދަރިވަރުން، އަދި ތައިސީރުލް ޤުރުއާން ކްލާހުން 25 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގައި އަމިއްލަގޮތުން ބައިވެރިވެގެން 102 ދަރިވަރުން ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރާއްޖޭގައި ޤުރުއާން ކިޔެވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އަލްޤާރީ އިބްރާހީމް ޝިފާޢު، އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ އަދި އަލްޤާރީ ޢަލީ ޝިޔާޒެވެ. މި މުބާރާތަކީ، ތުޅާދޫގައި ޤުރުއާން ކިޔެވުމުގެ ރޮނގުން ކުދިންގެ ހުނަރު އިތުރުކޮށް، ޤުރުއާނަށް ޝައުޤުވެރިކަން އުފެއްދުމަށް ކޮންމެ އަހަރަކު ބޭއްވޭ މުހިންމު މުބާރާތެކަށްވީއިރު، މުބާރާތުގައި ވަނަތަކަށް ހޮވޭ ދަރިވަރުންނަށް އެކި ފެންވަރުގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.