Ads by Stelco

ޚަބަރު

ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން ގަތް މުދަލަށްވާ 80 ހާހަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން ގަތް މުދަލަށްވާ 80 ހާހަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ޞައްޙަ ނޫން ސްލިޕްގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން/ފޮޓޯ: ފުލުހުން

14 ޖުލައި 2025، 12:00

ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން ގަތް މުދަލަށްވާ 80 ހާހަށްވުރެ ގިނަ ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރިފަރާތަށް ހޯދައި ދިނުމަށް ތަހުޤީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ އެ ފަރާތްތަކަށް ހޯދައިދީފައިވާ ކަމަށެވެ. އަދި މި ފައިސާއަކީ އެކި ފިހާރަތަކަށް ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައަކީ މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ޞައްޙަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާކަމަށް، މެއި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.

ފުލުހުން އިިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީގުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފަރ ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ކަށަވަރުވާކަމަށެވެ. ހަމަ އެހެންމެ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން މިހާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައިފާސްކުރިއިރު އެތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ ދެ މީހުން ޖޫން މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން މުޙައްމަދު ހާޝިމް 15 ދުވަހަށް ބަންދުކުރުމަށް އަދި، އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، މައްސަލައިގެ ތަހުޤީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS