ފަރުދުން
އަމީލިޔާގެ ބޮލިތަކުން ކުލަކޮށްދޭ ތަސްވީރުތައް

އަމީލިޔާ ޒަކަރިއްޔާ---ފޮޓޯ: ފަރުދުން

ފަރުދުން
14 ޖުލައި 2025، 05:44
14 ޖުލައި 2025، 05:44
ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންގެ ހިތުގެ ނޫރު ވަރަށް އަލިގަދައޭ މީހުން އެ ބުނާ ބުނުމަކީ ދޮގެކޭ ބުނެވޭކަށް ނެތެވެ. ލޮލުގެ ފެނުމުން މަހްރޫމްވިޔަސް އެހެން މީހުންގެ އެހީތެރިކަމާއިއެކު އަމިއްލަ ދެ އަތުން ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބުނާ ވާހަކަތަކަކީ ހަމަ ތެދެކެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުއިން ވެސް މިފަދަ މީހުން އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭކަމާއި ދޭތެރޭ ހަމަ ޝައްކެއްނެތެވެ. ޢާއިލާގެ ލޯތްބާއިއެކު މިފަދަ ފަރުދުންނަށްވެސް ޚިޔާލުތަކާއި ޝުއޫރުތައް އެކި ސިފަސިފައިގައި ހާމަކޮށްދެވޭނެއެވެ. މިފަހަރު "ފަރުދުން" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އަޅުގަނޑުމެންގެ ޓީމުން ބައްދަލުކޮށްލީ އަމީލިޔާ ޒަކަރިއްޔާއެވެ.

އަމީލިޔާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބެހެއްޓި ވަށިގަނޑެއް
ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށްވިޔަސް އަމީލިޔާގެ ދެއަތުން ކުރާ ޗާލު މަސައްކަތް ވަނީ ރާއްޖޭގެ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގައިވެސް ދައްކާލާފައެވެ. ރީތި ކުލަކުލައިގެ ބޮލިތަކުން ޖަރީކޮށްފައިވާ އަމީލިޔާގެ މަސައްކަތްތައް އެ މައުރަޒަށް ޒިޔާރަތްކުރި މީހުންގެ ލޮލުގައި އަަޅައިނުގަނެ ނުދިޔައެވެ.

އަމީލިޔާގެ މަސައްކަތްތައް އުފެއްދުންތެރިކަމުގެ މައުރަޒުގައި
އެކި ބާވަތުގެ ބޮލިތަކުން ހަދާފައިވާ ގުޅިއާއި ވަށިގަނޑާއި ފޮޓޯ ފްރޭމާއި ގަޑި އަދި މި ނޫންވެސް ތަކެތި، އަމީލިޔާ ބޮލިތަކުން ޖަރީކޮށް ހަދައެވެ. އަދި ރެނދެލިން މާވެސް ހެދި ވާހަކަ ބުންޏެވެ. ކެންވަސްގައިވެސް މަލާއި ކޮކާ ފަދަ އެކި ޑިޒައިންތަކަށް އަމީލިޔާ ބޮލިތައް ތަތްކޮށް ހަދައެވެ. މި ހުރިހާ ކަމެއްގައި އޭނާއަށް އޭނާގެ ކޮއްކޮމެންގެ އެހީތެރިކަން ލިބޭކަން އަމީލިޔާ ފާހަގަކުރިއެވެ.
(މީހުން) ބޮލިން މި މަސައްކަތްކުރާތަން ފެނުނީމަ އަޅުގަނޑު މިކަމަށް ޝައުގުވެރިކަން އުފެދުނީ. ކޮއްކޮ ދޭ އެއްބާރުލުމާއި ހެދީ އަޅުގަނޑު (ބޮލިން އާޓް ހެދުމަށް) ޝައުގުވަނީ
![]()
އަމީލިޔާ އުފެއްދުންތެރިކަމުގެ މައުރަޒުގައި އޭނާގެ މަންމައާއިއެކު ނަގާފައިވާ ފޮޓޯއެއް
49 އަހަރުގެ އަމީލިޔާ މި މަސައްކަތް ކުރަނީ ވިޔަފާރި އުުސޫލުންނެއް ނޫނެވެ. އޭނާ މި މަސައްކަތްކޮށް އުޅުނީ ކުޑައިރުއްސުރެ ފެށިގެން ނޫން ކަމަށް އަމީލިޔާ ބުންޏެވެ. އެކަން އޭނާ ކުރަން ފެށީ ކުރީގެ ޖެންޑާ މިނިސްޓްރީން 2022 ވަނަ އަހަރުގައި ބޭއްވި "ރިވެލި" މައުރަޒު އައި ފަހުންނެވެ.
މައުރަޒުގައި އަޅުގަނޑު ބައިވެރިވީ އަންހެނުންގެ ފަންނު ދައްކާލަން ހުޅުވާލި ފުރުޞަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގަ.
އެއީ އޭނާގެ މި ހުނަރުގެ ފެށުމެވެ. މިފަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގައިވެސް އަމީލިޔާ ވަނީ ތަފާތު އެކި ސާމާންތައް އޭނާގެ ސްޓޯލްގައި ދައްކާލާފައެވެ. އޭނާ އެ މައުރަޒަށް ގެންދިޔަ ބޮލިން ހަދާފައިވާ ހުރިހާ އެއްޗެއްވެސް ވިކުނު ކަމަށް އަމީލިޔާ ބުންޏެވެ. އަމީލިޔާގެ މަސައްކަތްތައް މިއަދު ވަނީ އެކި މީހުންގެ އެދުމުގެ މަތިން ހިލޭ ސާބަހަށް ހަދިޔާކޮށްފައެވެ. ހޮބީއެއްގެ ގޮތުގައި ފެށުނު މި ހުނަރު، ވިޔަފާރިއަކަށް ބަދަލުކުރަން އޭނާ ކިތަންމެހާވެސް ބޭނުންކަމަށް އަމީލިޔާ ބުންޏެވެ. އަދި އޭނާގެ މަސަައްކަތް ފެނުނު ވަރަށް ގިނަ ބަޔަކު ބޮލިން އަތްތެރި މަސައްކަތްތައް ކުރަން ޝައުގުވެރިކަން ފާޅުކުރާ ކަމަށް އަމީލިޔާ ބުންޏެވެ.
ފުރުޞަތު ލިބިއްޖެއްޔާ އަޅުގަނޑު ވިޔަފާރި އުސޫލުން މި މަސައްކަތް ކުރާނަން. އަޅުގަނޑު މި މަސައްކަތް ކުރަނީ ހަމައެކަނި މައުރަޒަށް ގެންދަން. އެއް ފަހަރަށްވުރެ އަނެއްފަހަރު އަޅުގަނޑުގެ ފަންނު އިތުރަށް ތަރައްޤީކުރަން މަސައްކަތްކުރަން.
![]()
އަމީލިޔާ އުފެއްދި ބޮލުގައި އަޅާ ބޭންޑެއް
އަމީލިޔާ ބުނީ އޭނާގެ މި މަސައްކަތުން އޭނާފަދަ ލޯފަން މީހުން ހިތްވަރު ހޯދި ކަމަށެވެ. އެ މަަަސައްކަތުން ހިތްވަރު ހޯދި އެފަރާތްތަކުން އެކި އެއްޗެހި ތައްޔާރުކޮށް ހެދި ކަމަށް އަމީލިޔާ ބުންޏެވެ. އަމީލިޔާ ބުނީ އެގޮަތަށް އޭނާއާއި އެއްކޮށް އިތުރު އެހެން (ޚާއްސަ އެހީއަށް ބޭނުންވާ) މީހެއްވެސް މައުރަޒުގަައި މަސައްކަތްތައް ދައްކާލި ކަމަށެވެ. އެކި މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުއާއި ޢާއިލާގެ އެއްބާރުލުން ނުހަނު މުހިންމުކަން އަމީލިޔާގެ ވާހަކައިގައި ފާހަގަކުރިއެވެ.
އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ހުނަރު ތަރައްޤީކުރަން ބޭނުންވާ ކުދިންނަށް ޢާއިލާއާއި މުޖުތަމަޢުއާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ސަރުކާރުން ވެސް އެއްބާރުލުން ދޭށޭ. އަދި އެ ހުނަރު ހުންނަ ކުއްޖަކު އެކަމަށް ޝައުގުވެރިވެގެން ޢާއިލާގެ އެއްބާރުލުމާއެކު ކުރިއަރަން މަސައްކަތްކުރާށޭ