ޚަބަރު
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ސްކޫލްތަކުގެ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތެރެއިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ސްކޫލްތަކުން ބައިވެރިވާ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގައި ސްކޫލް ކުދިންގެ ބައިން ދަރިވަރުން ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހަމަ އެހެންމެ، މި މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ ވަންގަވް ޕޯޓަލް މެދުވެރިކޮށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ ވެސް މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ، ސްކޫލު ކުދިންގެ ބަޔާއި، ހާފިޒުންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ. އެގޮތުން، ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ މުޅި ޤުރުއާން ހިތުދަސްކޮށް ތަޖުވީދުގެ ހަމަތަކާއެކު ކިޔަވާ ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ މުއައްސަސާއަކުން ވެސް ބޭނުން ޢަދަދަކަށް ޙާފިޒުން ބައިވެރިކުރެވޭއިރު، އަމިއްލަ ގޮތުންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، މި މުބާރާތުގައި މުއައްސަސާތަކުގެ ބައިގައި ބައިވެރިވެވޭނީ ކަމާ ބެހޭ އިދާރާއެއްގައި ކިޔަވައިދެއްވުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަންކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. ހަމަ އެހެންމެ، ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ ތަޢުލީމީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް-5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮތްޕާއި، ހާފިޒުންގެ ގޮފި ހިމެނޭހެން ޖުމްލަ 3 ގޮތްޕަކަށް ކިޔެވުން ކުރިއަށްދާނެއެވެ. އަދި މިއިން ކޮންމެ ބަޔަކުން ވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މުޅި މުބާރާތުން ވެސް މި ވަނަތައް ހޮވުމަށް ނިންމާފައިވާއިރު، މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއް ދެއްވާނެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވަނީ، މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުކަމަށް އިޢުލާނުކޮށްފައެވެ.
ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ