ދުނިޔެ
އީރާންގެ ޤޮމް ސިޓީ ކައިރީގައި ހުރި ހައުސިންގ ކޮމްޕްލެކްސްއެއްގައި އެއްޗެއް ގޮވައި އެތައް ބަޔަކަށް އަނިޔާވެއްޖެ

އީރާންގެ ޤޮމް ސިޓީ ކައިރީގައި ހުރި ހައުސިންގ ކޮމްޕްލެކްސްއެއްގައި އެއްޗެއް ގޮވުން
އީރާނުގެ ޤޮމް ސިޓީގެ ބޭރުގައި ހުންނަ ނަސީމް ޕަރްދިސާން ރެސިޑެންޝަލް ކޮމްޕްލެކްސްގައި މިއަދު ހިނގި ގޮވުމެއްގައި މަދުވެގެން 7 މީހުންނަށް އަނިޔާވެއްޖެއެވެ.
ޤޮމްގެ އެމަޖެންސީ ސަރވިސަސްގެ އިސްވެރިޔާ ޑރ. މުޙައްމަދު ޖަވާދު ބާގިރީ ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން މަދުވެގެން 5 އެމަޖެންސީ ވެހިކަލް ވަނީ އެ ސަރަހައްދަށް ފޮނުވިފައެވެ.
އީރާނުގެ ސަރުކާރާ ގުޅުންހުރި ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި މި ގޮވުން ހިނގީ ކޮމްޕްލެކްސްގެ އެއް އިމާރާތުގައެވެ. އަދި މީގެ ސަބަބުން މީހުން ދިރިއުޅޭ 4 ޔުނިޓަށް ގެއްލުން ވެފައިވެއެވެ. މި ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކުގެ ބައެއް ކުޑަދޮރުތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް ފަޔަރ ފައިޓިންގ އަދި ފުލުހުންގެ ބާރުތައް ވަނީ ފޮނުވިފައެވެ.
ފާރްސް ނިއުސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިބްތިދާއީ ތަޙުޤީޤުތަކުން ދައްކާ ގޮތުގައި މި ޙާދިސާ ހިނގާފައި ވަނީ ގޭސް ލީކްވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ނަމަވެސް މި ޙާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަފްސީލީ ތަޙުޤީޤެއް ކުރިއަށްދާކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގައި މިފަދަ ހާދިސާތައް ހިނގަމުންދާތީ، ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން މިކަން ގުޅުވަމުންދަނީ ފާއިތުވި މަހު އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި ހަނގުރާމައާއެވެ. ނަމަވެސް ފާރްސް ނިއުސްއިން ނަން ހާމަނުކުރާ އޮފިޝަލަކު ބުނެފައިވަނީ މިފަދަ ވާހަކަތަކާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ދުޝްމަން އަމަލެއް ހިންގައިފިނަމަ، އެކަން ވަގުތުން އާންމުންނަށް އަންގާނެ ކަމަށް އެ އޮފިޝަލް ބުނެފައިވެއެވެ.
މި ހާދިސާ ހިނގީ ތެހްރާންގެ ޗިޓްގަރު ސަރަޙައްދުގައި ހިނގި ގޮވުމެއްގެ 4 ދުވަސް ފަހުންނެވެ. އެ ޙާދިސާގައިވެސް މަދުވެގެން 7 މީހުންނަށް އަނިޔާވެފައިވެއެވެ. އަދި އެ ހާދިސާ ވެސް ހިނގީ ގޭސް ލީކްވުމުގެ ސަބަބުންކަމަށް އީރާނުގެ އިސް ފަރާތްތަކުން ބުނެފައިވެއެވެ.