ޚަބަރު
ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށް ރައީސް ނިންމަވައިފި!
ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓަރޕްލޭނެއް އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރަޢީސްއޮފީހުން ބުނެފައިވަނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވައި، 27 އޮކްޓޫބަރު 2024 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުޢިއްޒު ނިންމަވައިފައިވާކަމަށެވެ.
ރައީސް މިނިންމެވުން ނިންމަވައިފައިވަނީ 16 އޮކްޓޫބަރު ވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށްވެސް ރަޢީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްތައް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއިއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ރައީސް ޑރ މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ނިންމަވައިފައިވެއެވެ.
ރައީސް ޑރ މުޢިއްޒު ވަނީ މިއަންނަ މަހުން ފެށިގެން ރާއްޖޭގައި ވޭޕް ކުރުމާއި، ރާއްޖެއަށް ވޭޕް ކުރަން ބޭނުންވާ ސާމާނު އެތެރެކުރުން މަނާ ކުރުމަށް ވަނީ ނިންމަވައިފައެވެ.